އިންޑިއާގެ ދިއްލީގައި އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ދަށުގައި ގިނަ ބަޔަކު ތާށިވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސުނު ވަގުތު ހިނގި އެހާދިސާގައި ވެއްޓިފައިވަނީ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ. އޮފިޝަލުން ބުނީ އެ އިމާރާތް ވެއްޓުމާ އެކު އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާތަނަށް 10 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލުން ބުނީ އެ ހާދިސާގައި މިހާތަނަށް ސަލާމަތް ކުރި މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދިއްލީގެ ބުރާރީ ސަރަހައްދުގައި ހިނގި އެ ހާދިސާގައި އިމާރާތުގެ ދަށުގައި 12 ނޫނީ 15 މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި ރެސްކިއު ޓީމުތަކުން ވަނީ މީހުން ހޯދުމަށް އާންމުންނާ އެކު މަސައްކަތް ފަށާފައި ކަމަށެވެ.

ދިއްލީގެ ފުލުހުންނާއި ފަޔާ ޑިޕާޓްމަންޓުގެ އިތުރުން ޑިޒާސްޓަ މެނޭޖްމަންޓު އޮތޯރިޓީ އާއި ޑިޒާސްޓަ ރެސްޕޮންސް ފޯސް އިން ވެސް ދަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.