މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި، ފަޅުރަށްރަށް ކައުންސިލުތަކާ ހަވާލުކުރުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ ގުޅިގެން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
- ދ. މިނިމަސްގަލި އަދި ދ. ފެންފުށި ދ. އަތޮޅު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުން
- ރ. ނެޔޮ. ރ. އިނގުރައިދޫ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުން
- ލ. ބޮޑުމާބުޅަލި ލ. މާވަށު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުން
ދ އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަހުމަދު ޝާފިއުއެވެ. އިނގުރައިދޫއަށް ނެޔޮ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް މުހައްމަދު ޖަލީލއެވެ. މާވަށަށް ބޮޑުމާބުޅަލި ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަހުމަދު މޫސާއެވެ.
އެ އެއްބަސްވުންތަކުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންއެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުން 25 ފަޅުރަށެއް ކައުންސިލުތަކަށް ދޫކޮށްލަން ނިންމައި، އެ ފަޅުރަށްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ. ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެއީ އެއީ ރަށާ ޖެހިގެން އޮންނަ ފަޅު ރަށަކަށް ވާން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އިއުލާނު ކުރީ 25 ރަށް ކައުންސިލްތަކަށް ކުއްޔަށް ދިނުމަށެވެ. މަދު ރަށްތަކެއް ފުރަތަމަ ގެޒެޓުކުރެއްވީ ރިސްކެއް ނަންގަވަން ބޭނުންފުޅު ނުވާތީ ކަމަށް ރައީސް އެއިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް އެ ކައުންސިލަށާއި އެ ރަށެއްގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާނެ ފަޅުރަށެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު