އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަޑަށް ބާރުލައްވައިފައި މިހާރު އެންމެ ގިނައިން ދައްކަވާ ވާހަކަފުޅަކީ ޕެނަމާ ކެނަލްގެ ވާހަކައެވެ. މަގާމުގެ ހުވައި ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ތަގުރީރުގައިވެސް އެންމެ ގަދަޔަށް ދެއްކެވީ އެވާހަކަފުޅެވެ. ވިދާޅުވިއެވެ. އެމެރިކާގެ އުޅަނދުތަކުން އާދަޔާޚިލާފު ބޮޑު ފީއެއް ޕެނަމާއިން އެބަނަގައެވެ. އެތަން މިހާރު ހިންގަނީ ޗައިނާއިންނެވެ. ބަލަހައްޓަން ތިބެނީވެސް ޗައިނާ ސިފައިންނެވެ. މީގެ ސައްބީސް އަހަރު ކުރިން އެމެރިކާއިން މި ކެނަލް ހަވާލުކުރީ ޕެނަމާއާއެވެ. ޗައިނާއަކާ ނޫނެވެ. އެހެންވީމާ މިކަން ބަދަލުނުވަންޏާ ކެނަލް އަލުން އަތުލާނަމެވެ. އަސްކަރީ ބާރުގެ ބޭނުންކޮށްގެންވިޔަސް އެކަން ކުރާނަމެވެ. ޗައިނާއޭ ޕެނަމާއޭ ކެނަލޭ ވިދާޅުވެ ޓްރަމްޕު އެދައްކަވަނީ ތެދުވާހަކަފުޅެއް ބާވައެވެ. ނޫނެކެވެ. ޗައިނާގެ ދައުރެެއް ނެތެވެ. އޮތީ ޕެނަމާގެ ދައުރެވެ. ޗައިނާ އާއި ރަޝިޔާގެ ބޯޓުފަހަރު މި ކެނަލް ހުރަސްކުރުން ގިނަވީމާ މިހާރު އެމެރިކާ މޭކަރަނީއެވެ. އަލުން ކެނަލް އަތުލާހިތްވީއެވެ. ޕެނަމާ ކެނަލްގެ ތާރީޚަށް ބަލައިލަމާބަހީއެވެ.
މިސްރުގެ މައްޗަށް އިނގިރޭސިން ވެރިކަން ހިންގި ޒަމާނުގައި ރެޑްސީ އާއި މެޑިޓެރޭނިއަންސީ ގުޅުވައިލުމަށް މީލާދީ ސަނަތުން 1859 ވަނަ އަހަރު އިނގިރޭސީންނާއި ފަރަންސޭސިން ގުޅިގެން ކެނަލެއް ކޮނުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ. ބޭނުމަކީ އޭޝިއާ ބައްރާއި ޔޫރަޕުގެ ބައްރުގެ މެދުގައި ކަނޑުދަތުރުގެ ކުރު ރާސްތާއެއް ގާއިމުކުރުމެވެ. މިއީ އިންސާނުންނަށް ކުރެވިދާނެ މަސައްކަތެއްތޯ ބަލަން ދުނިޔޭގެ މީސްތަކުން ތިއްބައި ދިހަ އަހަރުފަހުން މި ކެނަލް ނިންމައި 1869 ވަނަ އަހަރު އެދޭތެރެއިން އާގުބޯޓުފަހަރު ދަތުރުކުރަން ފަށައިފިއެވެ. ދިގުމިނަކީ ގާތްގަޑަކަށް 193 ކިލޯމީޓަރެވެ. މިއީ ބޮޑު ދެކަނޑެއް ގުޅުވައިލުމަށް އެހާތަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫއެވެ. މަޝްހޫރު ސުއޭޒް ކެނަލަކީ އެއީއެވެ. ޝައުގުވެރިކަމާއެކު މި މަންޒަރު ދެކޭންއޮތް އެއްގައުމަކީ އެމެރިކާއެވެ. ސުއޭޒް ކެނަލް ވުޖޫދުވިތަން ފެނިފައި އެމެރިކާއިން މޮޅު ބުއްދިއެއް ކޮށްފިއެވެ.
އެ ބުއްދިއަކީ އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާ ބައްރު ގުޅިފައިވާ އެންމެ ހަނި ދޭތެރެއިން ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑު ގުޅުވައިލުމަށް ކެނަލެއް ކޮނުމެވެ. އެފަދަ ކެނަލެއް ކޮނެފިއްޔާ ދެކުނު އެމެރިކާ ވަށާލައިގެން ކުރަންޖެހޭ ނުރައްކާތެރި އަދި ޚަރަދުވެސް ބޮޑު ދިގު ދަތުރު ވަރަށް ކުރުވެއެވެ. އެފަދަ ކެނަލެއް ކޮންނަންޖެހެނީ މެދުތެރޭ އެމެރިކާގެ އެންމެ ހަނިދިމާލުގައި ކަމަށްވާއިރު އެދިމާލަކީ ކޮލަމްބިއާގެ ވެރިކަމުގެ ދަށުގައިވާ ސަރަހައްދެކެވެ. ކޮލަމްބިޔާއާ ގުޅިގެން މިކަންކުރަން އެމެރިކާ ބޭނުމެއް ނުވިއެވެ. އެމެރިކާއާ ގުޅިގެން މިޒާތުގެ މަސައްކަތެއްކުރަން ކޮލަމްބިއާވެސް ބޭނުމެއް ނުވިއެވެ. ސުއޭޒް ކެނަލް ގާއިމުކުރި ދުވަސްވަރު ހަމައެކަހަލަ ކެނަލަކުން އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ގުޅުވައިލުމަށް ވަކިވަކި މަޝްރޫއުތަކެއް ހިންގަން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވެސް މަސައްކަތްކުރިއެވެ. އިނގިރޭސިން އުޅުނީ ނިކަރާގުއާގެ ތެރެއިން ކެނަލެއް ކޮނުމަށެވެ.
އިނގިރޭސީންނަށް އެކަމެއް ނުވިއެވެ. ފަރަންސޭސިން އުޅުނީ ޕެނަމާގެ ތެރެއިން ކެނަލެއް ކޮނުމަށެވެ. އެކަމެއްވެސް ނުވިއެވެ. އެޒަމާނުގައި ޕެނަމާއެއް ނޯވެއެވެ. މިއަދުގެ ޕެނަމާއަކީ އޭރު ކޮލަމްބިއާގެ އެންމެ އުތުރުގައި އޮންނަ ސަރަހައްދެކެވެ. ޕެނަމާ ކެނަލް ހަގީގަތަކަށް ހެދުމުގެ ގޮތުން އެމެރިކާއިން އެންމެ އިހަށްވެސް ކުރިކަމަކީ ޕެނަމާގެ ބާޣީންނަށް ހިތްވަރުދީގެން ކޮލަމްބިއާގެ ވެރިކަމުގެ ދަށުން ޕެނަމާ ވަކިކޮށް ޕެނަމާގެ ނަމުގައި އައު ދައުލަތެެއް އުފެއްދުމެވެ. ހަމަކޮންމެ ކަމެއްގައި އެމެރިކާއަށް ތަބާވާނެ ގޮނޑިކޮއްކޮ ދައުލަތެކެވެ. އެމެރިކާގެ މަނަވަރުތައް ޕެނަމާގެ އައްސޭރީގައި ތިބެ ހިމާޔަތް ދީގެން ޕެނަމާގެ މިނިވަންކަން އިއުލާންކުރީ 1903 ވަނަ އަހަރުއެވެ. ޕެނަމާ އަލުން ހިފަން ކޮލަމްބިއާއިން ހަގުރާމަވެސް ކުރިއެވެ. އެކަމަކު އެމެރިކާ ސިފައިންގެ މައްޗަކަށް ކުރިއެރުމެއް ނުލިބި ބަލިވީއެވެ. އޭރު އެމެރިކާއިން އޮތީ ޕެނަމާ ކެނަލްގެ ކަރުދާހުގެ މަސައްކަތް މުޅިން ނިންމައިފައެވެ.
ޕެނަމާގެ މިނިވަންކަން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީވެސް އެމެރިކާއެވެ. ހަމައެދުވަހު ކެނަލް ކޮނުމުގެ އަމަލީ މަސައްކަތްވެސް އެމެރިކާއިން ފެށިއެވެ. މި މަސައްކަތް ފެށީ ކުރިން ފަރަންސޭސިން ކެނަލް ކޮނުމުގެ މަސައްކަތް ހިންގި ރޮގުގައެވެ. އެމެރިކާއިން މި މަސައްކަތް ފަށައިގެން ނިންމައިލެވުނީ ދިހަބާރަ އަހަރުގެ މަސައްކަތަށްފަހު 1914 ގައެވެ. އެތައް ލައްކަ ބައެއްގެ ފުރާނަ ގުރުބާންކޮށްގެން އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުކުރުމަށްފަހުގައެވެ. ގާތްގަޑަކަށް 80 ކިލޯމީޓަރު ދިގުމިން ލިބިފައިވާ ޕެނަމާ ކެނަލް ހުޅުވުނުއިރު އެތަނަކީ ސުއޭޒް ކެނަލްއަށްވުރެ ކުރު އެހެނަސް ސުއޭޒް ކެނަލަށްވުރެ ޚަރަދުބޮޑު ކެނަލެކެވެ. އޭގެ ސިއްރަކީ މި ކެނަލް އެކި ސެކްޝަންތަކަށް ބަހާލެވިފައި އޮތުމާއި ކޮންމެ ދެ ސެކްޝަނެއްގެ މެދުގައި "ލޮކް" ތަކެއް ގާއިމްކުރެވިފައި ހުރުމެވެ. ކޮންމެއަކަސް އައު ކެނަލްވީ ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ހަ އިންސައްތަ ކޮންމެ އަހަރަކުވެސް ހުރަސްކުރާ ދުނިޔޭގެ އެންމެ މުހިންމު ކެނަލަށެވެ.
ވިޔަފާރީގެ ނަފާ ހައްދެއްނެތް މިންވަރަށް ނެގޭ ތަނަކަށް ވެއްޖެއެވެ. ބޮޑުވެގެންވާ ޚަޒާނާއަކަށް ވެއްޖެއެވެ. މުޅި ކެނަލްގެ މައްޗަށް އޮތީ އެމެރިކާގެ ބާރެވެ. ވެރިކަމެވެ. ކެނަލްގެ ވަށައިގެންވާ އޭރިޔާވެސް އެމެރިކާއަށެވެ. ނަމުން ޕެނަމާ ކެނަލްއެވެ. އެކަމަކު ކަމުން އެމެރިކާ ކެނަލްއެކެވެ. ޕެނަމާގެ އެއްވެސް ބާރެއް ހައްގެއް ބަހެއް ނޯވެއެވެ. މިކަން މިމަގުން ހިނގަމުން އަންނަނިކޮށް މިސްރުގެ ވެރިކަމުގައި ޖަމާލް އަބްދުއްނާސިރު ހުންނެވި ޒަމާނުގައި އޭނާ ވަނީ 1956 ވަނަ އަހަރު އިނގިރޭސިންނާއި ފަރަންސޭސިން ބޭރުކޮށްލައްވައި މިސްރުގެ ގައުމީ ތަރިކައަކަށް ސުއޭޒް ކެނަލް ހައްދަވައިފައެވެ. އައިރުޅީގެ ބޮޑުކަމުން އިނގިރޭސިންނާއި ފަރަންސޭސިން މިސްރާ ދެކޮޅަށް ހަގުރާމަކޮށް ސުއޭޒް ކެނަލް އަލުން ހިފުމަށް މަސައްކަތް ކުރިއެވެ. އެކަން ހުއްޓައިލީ އެދެމެދަށް އެމެރިކާ ވަދެ ހޯހޯއޭ ގޮވައިގެންނެވެ. އެކަމުގައި އެމެރިކާ ޖެހުނީ އަޖައިބުގޮތަކަށް މިސްރުގެ ކޮޅަށެވެ. މިއީ ޕެނަމާއަށް ލިބުނު ފުރުސަތަކަށް ބަލައިގެން ޕެނަމާ ކެނަލްގެ މިލްކުވެރިކަމަށް ޕެނަމާ އެދެން ފަށައިފިއެވެ.
ޕެނަމާއިން ބުނަން ފަށައިފިއެވެ. އޭބަލަ އެމެރިކާއެވެ. އަހަރެމެންގެ ކެނަލް އަހަރެމެންނަށް ދޭށެވެ. ކަލޭމެން މިސްރަށް ތާއީދުކުރި ހަމަތަކުގެ މަތިންނެވެ. އެހިސާބުން އެމެރިކާޔާއި ޕެނަމާގެ މެދުގައި އެކާވީސް އަހަރަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު 1977 ވަނަ އަހަރު ދެގައުމުގެ މެދުގައި ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އޮތީ 1999 ވަނަ އަހަރު ޕެނަމާގެ ސަރުކާރަށް ކެނަލް މުޅިން ދޫކޮށްލާ ވާހަކައެވެ. އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޖިމީ ކާޓަރެވެ. އޭގެ ބާވީސް އަހަރު ފަހުން 1999 ގައި ޕެނަމާ ކެނަލްގެ ކޮންޓްރޯލް ޕެނަމާއަށް މުޅިން ދޫކޮށްލިއިރު ރައީސްކަމުގައި ހުންނެވީ ބިލް ކްލިންޓަނެވެ. ޖިމީ ކާޓަރު ފަދައިން ބިލް ކްލިންޓަނަކީވެސް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވި ރައީސެކެވެ. މިދެންނެވި މަގުން ޕެނަމާއަށް މި ކެނަލްގެ ފުރިހަމަ ކޮންޓްރޯލް ލިބިގެން އެތަން ހިންގަމުންދާތާ މިވީ ސައްބީސް އަހަރެވެ. މި މުއްދަތުގެ ތެރޭގައި ބަރާބަރަށް ކެނަލް އެބަހިނގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ