ބޭރުގެ ކުންފުނިތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަން ނިންމާފައިވާ ކަމަށް އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ސްވިޒްލެންޑުގައި ކުރިޔަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ޓްރަމްޕް ވިދާޅުވީ އެގައުމުން ބޭރުގައި އުފައްދާ މުދާ ގައުމަށް އެތެރެކުރާ ނަމަ، ކުރިޔަށް އޮތްތަނުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ބޭރުގައި އުފައްދާ ކޮންމެ މުދަލެއް ވެސް އެގައުމަށް އެތެރެކުރާނަމަ، ޓެރިފްއެއް ދައްކަށް ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެ ޓެރިފް އިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކުން އެމެރިކާގައި އެ މުދާ އުފެއްދުމަށް ޓްރަމްޕް ވަނީ ގޮވާލައްވައިފައެވެ.

ޓްރަމްޕްގެ ރިޔާސީ ވައުދުގައި ވެސް ވަނީ ކެނަޑާ އާއި މެކްސިކޯ އަދި ޗައިނާއިން އެގައުމަށް އެތެރެކުރާ މުދަލުން ޓެރިފްއެއް ނެގާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ޔޫރަޕަށް ގޭސް ސަޕްލައި ކުރަން ރޭވިފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކާ ދެމެދު ހަކަތަ ފޯރުކޮށްދިނުމުގެ ކަންކަމުގައި މަޝްވަރާކުރަން ނިންމަވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.