އިންޑޮނޭޝިއާގެ ފާމަކުން ކިނބޫތަކެއް ފިލައިފިއެވެ.

އިންޑޮނޭޝިއާ އަށް ކުރަމުން އަންނަ ވިއްސާރައިގެ އަސަރު ބޮޑަށް ކުރި އެއް ސަރަހައްދު ކަމަށްވާ އެގައުމުގެ ބުލާން އައިލެންޑުގެ ސަޓަމް ކިޔާ ސިޓީއެއްގެ ފާމެއްގައި ގެންގުޅު ކިނބޫތަކެއް ފިލީ އެފާމްގައި ފެންބޮޑުވެ ފެންގަނޑު ފެންސުތަކުގެ މައްޗަށް އެރުމުން އެތަނުން ބޭރަށް ނުކުމެގެން ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ކަމާބެހޭ އިދާރާތަކުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައި ފިލި ކިނބޫތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް 34 ކިނބޫ އަތުލައިގަނެފައިވާކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އޮފިޝަލުން ވަނީ އެފާމްގައި ގެންގުޅޭ އެންމެ ބޮޑު ކިނބޫކަމަށްވާ ބަރުދަނުގައި 1000 ކިލޯ ހުރި ކިނބޫވެސް އަތުލައިގަނެފައިވާކަމަށް ބުނެފައެވެ.

ބުލާން އައިލެންޑަކީ ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑާ 30 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެއް ކަމުން ކިނބޫތައް ސިންގަޕޫރާ ހަމައަށް ދަތުރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ފާމުން ފިލި ކިނބުލުގެ އަދަދު ޔަގީން ނުވާކަމަށް އޮފިޝަލުން ބުނާއިރު ބެލެވޭ ގޮތުގައި އެތަނުގައި 500 އަށްވުރެ ގިނަ ކިނބޫ އުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިނބޫތައް ދޫވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އެސަރަހައްދުގައި ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މަސްވެރިން ވެސް މަހަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.