ރާއްޖޭގައި ރޫހާނީ ފަރުވާ އާއި ފާލުބެލުމުގެ ހިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރި ބިދޭސީންގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައި ބަންދުކޮށްފިއެވެ.

އެ އިދާރާ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދޭން އުޅުނު އިންޑިއާގެ ތިން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.

އެއީ 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ ފިރިހެނުން ކަމަށާއި އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އެ އެންމެން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާސްޓާ ދުގްރާ ގުރޫޖީ ނަމަކަށް ކިޔާ މީހެއް ވަނީ ރާއްޖެ އައިސް އޭނާގެ ފޭސްބުކު ޕޭޖުގައި ރޫހާނީ ފަރުވާއަށް އެޕޮއިންޓުމެންޓު ހެދުމަށް ގުޅަންޖެހޭ ނަންބަރުވެސް އާންމުކޮށްފައެވެ. އިސްތިހާރު ކޮށްފައިވާ ފަރުވާތަކުގެ ތެރޭގައި ސިއްހީ މައްސަލަތަކާއި ޖިންނި ޝައިތާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި ލޯބި އަނބުރާ ހޯދައިދިނުމާއި ކައިވެނީގެ މައްސަލަތަކުގެ ހައްލުތައް ހިމެނެއެވެ.

މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ސާފުކުރުމަށް "ވަން" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް އިންޑިއާގެ ފާދީރީއަކު ވަނީ ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށްލައިފައެވެ.