އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އެސްޖޭ) އިން ހުޅުމާލޭގައި އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތްތައް އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިޔާތަކަށް ވިދާޅުވީ، 2022ގެ 23 ޖެނުއަރީ ގައި އެސްޖޭ ކުންފުނިން ހުޅުމާލެގައި އިމާރާތްކުރަން ފެށި މިސްކިތް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައިފަހުން ކަމަށެވެ.
އެ މިނިސްޓްރީން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާ ކަމަށާއި މިނިސްޓަރު ޝަހީމް އެތަނަށް ޒިޔާރަތްކޮށް، ދިމާވެފައި ހުރި ދަތިތައް ވެސް ބައްލަވައިލެއްވި ކަމަށާއި ހައްލުކުރަންޖެހޭ ކަންކަން ހައްލުކޮށްދެމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މިސްކިތް ހަދަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތި ކަމަށްބުނެ ދައްކަމުންދާ ވާހަކަ މިނިސްޓަރު ވަނީ ދޮގުކުރައްވައިފައެވެ.
"އެ މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް. 2022 ގައި މަސައްކަތް ފެށި ފަހުން މިއަދާ ހަމައަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މައާފުކޮށްފައި ނުވޭ. މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދޭ،" ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތަކީ 3000 މީހުންގެ ޖާގައިގެ ގޮތުގައި ފަރުމާކޮށްފައިވާ މިސްކިތެއް ކަމަށާއި އެއީ ދީނީ އުމްރާނީ ތަރައްގީގެ ރޮނގުން ފާހަގަކޮށްލެވޭ މަޝްރޫއެއް ދައްކުވައިދޭ މިސްކިތެއް ކަމަށެވެ.
މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާގޮތުގައި މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏަށް ބިން ހަވާލުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 15 ގައެވެ. އެންމެ ފަހުން އެ މިސްކިތުގެ މަސައްކަތެއް ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 24 ގައެވެ. އޭގެ ކުރިން މަސައްކަތްތައް ކުރަމުންދިޔަ އިރު، މިނިސްޓްރީން ކޮށްދޭންޖެހޭ މަސައްކަތްތަކެއް ކުރުމަށް ލަސްތަކެއް ކުރިމަތިވުމުން އެސްޖޭ ކުންފުނިން އެ ޝަކުވާ ހުށަހަޅާފައިވާކަން ވެސް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކައެވެ.
- 15/02/22 - ގައި ބިން ހަވާލުކުރެވުނު
- 23/03/22 - ގިބްލަ މާކުކޮށް ދޭން މިނިސްޓްރީގައި އެދުނު
- 20/11/22 - ގިބްލަ މާކުކޮށް ދޭން އެދުނުތާ 252 ދުވަސް ވީއިރުވެސް ގިބްލަ މާކް ނުކޮށްގެން ގިބްލަ މާކް ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސިޓީ ފޮނުވުނު
- 18/12/22 - މިނިސްޓްރީން ގޯތީގެ އިން ވަކިކޮށްދިން (ގިބުލަ ޖަހައި ނުދޭ)
- 19/12/22 - މިނިސްޓްރީން ގޯތީގެ އިން ވަކިކުރީ ނުބައިކޮށް ކަމަށް އެޗްޑީސީން އެންގި
- 02/01/23 - ގޯތީގެ އިން ވަކިނުކުރެވި މަސައްކަތް ހުއްޓިވާތީ ގެއްލުންވާކަމަށް އެސްޖޭ އިން މިނިސްޓްރީއަށް އެންގި
- 24/01/23- 02/01/23 ގައި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ އިތުރު ސިޓީއެއް ފޮނުވުނު
- 03/01/23 - އިން ވަކިކޮށް އަލުން މަސައްކަތް ފަށަން އެންގި
- 09/02/23 - ކުރެހުމާއި ގޯތީގެ ބޮޑުމިން ދިމާނުވެގެން އެ މައްސަލަ ހައްލުކުރުމަށް އެދެނު
- 02/04/23 - ސެޓްބެކް މައްސަލަ ހައްލުކޮށްދީ އަލުން މަސައްކަތް ފަށަން އެންގި
- 17/05/23 - ފައުންޑޭޝަން އިންސްޕެކްޝަނަށް ރިކުއެސްޓް ކުރެވުނު
- 28/05/23 - އިންސްޕެކްޝަން ހަދައިނުދީގެން ރިމައިންޑާ ފޮނުވުނު
- 24/06/23 - ފައުންޑޭޝަން އިންސްޕެކްޝަން ހަދައިދީ ކޮންކްރީޓް އެޅުމަށް ހުއްދަދެވުނު
ޚަބަރު
ޚަބަރު
ޚަބަރު