ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ ގައުމީ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތައް ފިނި ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ ކިޔަވައިދޭ ކްލާސްރޫމްތައް އޭސީ ކުރުން ކަމަށެވެ.
"މިހާރު އެކަން ވަނީ ފެށި އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިގެން ގޮސް ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި. އެހެންވީމަ މިއަހަރުގެ ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލުތަކެއް، ހުރިހާ ކްލާސްރޫމްތަކެއް އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީ ކޮށްދީ ފިނިކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއީ ހުރިހާ ސްކޫލްތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމުމަށް އަދި އަށެއްކަމަސް ބޭނުންވާނެތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ގައުމީ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުޅި ރާއްޖޭގައި އޭސީ ކުރަން 9400 އޭސީ ބޭނުން ވާނެ އެވެ. ސްކޫލުތައް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭސީ ބެލެހެއްޓުމުގެ ހަރަދަށްވެސް އަހަރަކު 3.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މަރާމާތުގެ އަގަށް ވެސް އަހަރަކު ދިހަ މިލިއަން ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު ކުރަން ޖެހޭ ހަރަދުގެ ޖުމުލަ އަގު 178.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރުކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިން އާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ހަރަދުތައް ހިމަނައިގެން ހުރިހާ ކުލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގަށް މަދުވެގެން 130 މިލިއަން ރުފިޔާ އަރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު