މިދިޔަ އަހަރު، އަނަންޔާ ޕާންޑޭ ވަނީ "ސީޓީއާރްއެލް" އަދި "ކޯލް މީ ބޭ" ގައި ދައްކާފައިވާ މޮޅި ހުނަރުން މަގުބޫލުކަން ހޯދާފައެވެ. އަދި ވެދާންގް ރައިނާ އަށް ވަނީ "ޖިގްރާ" ގައި އޭނާގެ ޕަރފޯމަންސްއަށް ތައުރީފު ލިބިފައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މަޝްހޫރު ލޯބީގެ ފިލްމުތައް ހަދާފައިވާ ޑައިރެކްޓަރު، އިމްތިޔާޒް އަލީގެ ފިލްމެއްގައި ހުނަރުވެރި މި ދެ ޒުވާނުން އެކީގައި ފެނިގެންދާނެއެވެ.

އެގޮތުން ދެ އެކްޓަރުން ވެސް ވަނީ މި ފިލްމަށް އޯޑިޝަން ނުވަތަ ލުކް ޓެސްޓް ހަދައިފައެވެ. ނަމަވެސް އަދި އެ ދެ މީހުން ފިލްމަށް ފައިނަލް ކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

އިމްތިޔާޒް އަލީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގައި ރިލީޒްކުރެވުނު "އަމަރް ސިންގް ޗަމްކީލާ" އެވެ. ދިލްޖިތް ދޮސަންޖް އަދި ޕަރިނީތީ ޗޯޕްރާ ފެނިގެންދިޔަ މި ބަޔޯގްރަފިކަލް ޑްރާމާއަށް ވަނީ ފާޑުކިޔުންތެރިންނާއި ބަލާ މީހުންގެ ފަރާތުން ވަރަށް ބޮޑު ތައުރީފެއް ލިބިފައެވެ.

އަނަންޔާ މިހާރު ގެންދަނީ އަދި ނަމެއް ކިޔާފައިނުވާ ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. ރަސްމީ އިއުލާނުގައިވާ ގޮތުން، މި ފިލްމަކީ "އިންޑިއާގެ އެންމެ މަތީ ފަންތީގެ ބެރިސްޓަރ ސީ. ޝަންކަރަން ނައިރް ބްރިޓިޝް އެމްޕަޔަރާ ދެކޮޅަށް މިހާތަނަށް ނުފެންނަ ފަދަ ހަނގުރާމައެއް ކުރުމަށް މަޖުބޫރުކުރުވި، އެއް މަރުގެ ހާދިސާއެއް ފޮރުވައިލުމުގެ ސިއްރު ހާމަކޮށްދޭ" ފިލްމެކެވެ. އަނަންޔާ މި ފިލްމުގައި ފެނިގެންދާނީ އަކްޝޭ ކުމާރު އަދި އާރު. މަދަވަންއާ އެކުގައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ކަރަން ސިންގް ތިޔާގީއެވެ. މި ފިލްމް ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ މާޗް 14 ގައެވެ.

އަނަންޔާގެ އަނެއް އާ ކޮލަބޮރޭޝަނަކީ "ކިލް" އިން މަޝްހޫރުވި ލަކްޝްޔާއާ އެކު "ޗާންދް މޭރާ ދިލް" ގެ ނަމުގައި ހަދާ އިންޓެންސް އަދި ޕެޝަނޭޓް ލޯބީގެ ވާހަކައެކެވެ. މީގެ އިތުރުން އޭނާގެ ލައިންއަޕްގައި "ކޯލް މީ ބޭ" ސީޒަން 2 މި ކޮމެޑީ-ޑްރާމާ ސީރީޒް ވެސް ހިމެނެއެވެ.

ވެދާންގް އެންމެ ފަހުން ފެނިގެން ދިޔައީ ޖަލުން ފިލުމުގެ އެކްޝަން ތްރިލަރ "ޖިގްރާ" ގައެވެ. ވަސަން ބާލާ ޑައިރެކްޓްކުރި މި ފިލްމުގައި އޭނާ ކުޅުނީ އާލިޔާ ބަޓްގެ ކޮއްކޮގެ ރޯލެވެ. އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ އިއުލާންތައް އަދި ކުރެވިފައެއް ނުވެއެވެ.