ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުއަށް މިދިޔަ އަހަރުގެ ތެރޭގައި 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)ގެ ލޯނު ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީން 'ވަން'އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުން 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ)ގެ ލޯނު ނެގި އިރު، އޭގެ ތެރެއިން 80 ޕަސެންޓަކީ ވީއައިއޭގެ މަޝްރޫއަށް ނެގި ލޯނުތަކެވެ.
އެގޮތުން ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުއަށް ޖުމުލަ ތިން ލޯނެއް ނެގިއެވެ. އެއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ ބޭންކުން ނެގި 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަދި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމެންޓުން ނެގި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ލޯނެވެ.
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ ބޭންކުން ނެގި ލޯނަކީ ވީއައިއޭ ޕްރޮޖެކްޓުގެ ރީފައިނޭންސިން އަދި އަޕްގްރޭޑް ކުރުމަށް ނެގި ލޯނެކެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ބައެއް މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ހުޅުވަން މި ސަރުކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް މި އަހަރުގެ ޖޫން/ ޖުލައިގައި ޓާމިނަލް ހުޅުވަން ފަހުން ނިންމިއެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އެގޮތަށް ނިންމީ ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ޖަމިއްޔާ، އަޔާޓާއިން ލާޒިމްކޮށްގެން އެކުލަވާލާފައިވާ ރާއްޖޭގެ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އިން އެދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުވެސް ލިބިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު