ކޮރަޕްޝަންގެ ވަބާ މިގައުމުން ނައްތާލެވޭނީ އެމްއެމްޕީއާރްސީ މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންނަށް ހަމަހަމަކަމާ އެކު އަމަލުކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ހިމެނޭހެން ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލައި، ތުހުމަތުކުރެވޭ މީހުންގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް، ފުލުހުންނަށް އެންގުމާ ގުޅިގެންނެވެ.

އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެން މިގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ އަދީބު ހިމެނޭހެން ޖުމުލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލުކުރުމަށް ނިންމައިފައެވެ. އަދީބުގެ އިތުރުން ދެން ހިމެނެނީ މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހް އަލީ އާއި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން އެވެ.

މީގެ އިތުރުން އަބުދުالله ޒިޔާތާ އެކު ހަދާފައިވާ އެއްބަސްވުން ވެސް 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެ އޮފީހުން ވާނީ ބާތިލުކޮށްފައެވެ.

މި އެއްބަސްވުންތައް ހަދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. މި އެއްބަސްވުންތައް ޕީޖީ އޮފީހާއެކު ހަދާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމަށެވެ.

ނަމަވެސް މި އެއްބަސްވުންތައް އުވާލަން ނިންމީ، އެމީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތުން ޕީޖީއަށް މައުލޫމާތު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.