ކަންގަނާ ރަނައުޓްގެ ސިޔާސީ ފިލްމު "އިމަޖެންސީ" ވަނީ، އެކި ފަހަރުމަތީން ލަސްވުމަށްފަހު، މި މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައެވެ. ސެންޓްރަލް ބޯޑް އޮފް ފިލްމް ސަރޓިފިކޭޝަންޓިފިކޭޝަން (ސީބީއެފްސީ) އާއެކު ދިމާވި ގޮންޖެހުންތަކާއި، ސިޔާސީ އަދި ދީނީ ގްރޫޕުތަކުން މަނާކުރުމަށް ގޮވާލާ ގޮވާލުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ފިލްމު ވަނީ އެ ހުރިހާ ހުރަސްތަކާއެކުވެސް ކާމިޔާބުކަމާއެކު ރިލީސްކޮށްފައެވެ.

ފިލްމު ޕްރޮމޯޓްކުރުމަށް ޓަކައި ޝުބަންކަރް މިޝްރާއާއެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި، ކަންގަނާ ވަނީ "އިމަޖެންސީ" ހެދުމުގައި އޭނާ ކުރިމަތިލާން ޖެހުނު މާލީ ދަތިތަކާ ބެހޭ ގޮތުން ތަފްސީލުކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި މި ފިލްމު ހެދުމުގައި މާލީ ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ފަހަތަށް ޖެހުނު ކަމަށާއި އެއްވެސް މީހަކު ފިލްމު ގަންނާން ބޭނުން ނުވި ކަމަށްވެސް ބުންޏެވެ. އެއްވެސް އޯޓީޓީ ޕްލެޓްފޯމަކުންވެސް ފިލްމު ގަންނަން ބޭނުން ނުވިކަން ފާހަގަކުރިއެވެ. އެންމެފަހުން ފިލްމު ހެދުމަށްޓަކައި އަމިއްލަ ގެ ރަހުނުކުރަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން، ކަންގަނާ ވަނީ އޭނާއަށް ކުރިމަތިލާން ޖެހުނު އަމިއްލަ އަދި ޕްރޮފެޝަނަލް ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ވާހަކަދައްކާފައެވެ. އޭގެ ތެރޭގައި އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތައް ހިމެނެއެވެ. އޭނާ ބުނެފައިވަނީ، އަމިއްލަ ނަފްސު ޕްރޮމޯޓް ކުރާނެ ޕީއާރު ޓީމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާއާ ދެކޮޅު ފަރާތްތަކުން އޭނާގެ އިމޭޖަށް ގެއްލުން ދިނުމަށް ޕީއާރު މީހުން ހަޔަރ ކުރާކަން އެނގޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ކުއްލިއަކަށް އޭނާގެ މައްޗަށް ތުހުމަތުތައް ކޮށް، އޭނާއާ ބެހޭ ގޮތުން ނޭދެވޭ ގޮތަކަށް ވާހަކަދައްކާކަންވެސް އޭނާ ފާހަގަކުރިއެވެ.

"އިމަޖެންސީ" އަކީ ކަންގަނާގެ އަމިއްލަ ޑައިރެކްޓަރުކަމުގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އޭނާ އަދާކުރަނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރެވެ. ފިލްމުގައި އަނުޕަމް ކޭރު، މަހީމާ ޗައުދަރީ، ޝްރެޔާސް ތަލްޕަޑޭ، އަދި މަރުވެފައިވާ އެކްޓަރު ސަތީޝް ކައުޝިކް ފަދަ ނަންމަޝްހޫރު އެކްޓަރުން ހިމެނެއެވެ.

2015 ގެ ފިލްމު "ތަންނު ވެޑްސް މަންނު" ގެ ފަހުން ކަންގަނާގެ ފިލްމެއް އަދި ހިޓެއް ނުވެއެވެ. ނަމަވެސް، "އިމަޖެންސީ" ރިލީސްކުރުމުން ތަފާތު ރިވިއުތައް ލިބި، ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ވަނީ 6 ކްރޯޑު ރުޕީސްއަށްވުރެ މަތީން އާމްދަނީ ހޯދާފައެވެ. މިއީ ކަންގަނާގެ ކެރިއަރަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.