ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި ދައުވާކުރަން ފޮނުވަނީ ކޮން ބައެއްގެ މައްޗަށް ކަން ސާފުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދަ ހޯކްސް ކުންފުނީގެ ބޯޓުން ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އަންނަނީ ބަލަމުންނެވެ.

އެންމެ ފަހުން އޮތް 241 ކޮމެޓީގައި ދެއްކެވި ވާހަކަތަކުގެ އިތުރު ތަފުސީލު ހޯދުމަށް، "ވަން އޮންލައިން" އިން ގުޅައި ސުވާލު ދެންނެވުމުން، 241 ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ނާޒިމް ވިދާޅުވީ، ސިގިރޭޓް އެތެރެކުރި މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓް ނިމިފައިވާ ކަަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކޮމެޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް ކަސްޓަމުން ކޮމިޓީއަށް ފޮނުވި ޖަވާބުގައި، އެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާޖެނެރަލް (ޕީޖީ) އަށް ފޮނުވަން ނިންމާފައި ވަނީ ކޮން ބައެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކަސްޓަމްސްއިން ފޮނުވި ޖަވާބުގައި އޮތީ އެކަމުގައި ތުހުމަތު ކުރެވޭ އެ ކުންފުނީގެ މުވައްޒަފުންގެ ފިންގާ ޕްރިންޓް އަދި ފޯނު އެނަލިސިސް ރިޕޯޓް ފުލުހުންގެ ހިދުމަތުން ލިބުމުން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރަނީ މުވައްޒަފުންނަށްތޯ، ނުވަތަ ފަޅުވެރީންނަށްތޯ، ހޯކްސްއަށްތޯ، ނުވަތަ ބޯޓުގެ ކެޕްޓަނަށްތޯ، ކަސްޓަމްސްއިން ފޮނުވި ޖަވާބުން ސާފު ނުވާ ކަމަށެވެ.

"އެނގެން ބޭނުންވަނީ އެ މައްސަލައިގައި ޗާޖް ކުރަނީ ހޯކްސްއަށްތޯ، ފަޅުވެރީންނަށްތޯ، ނުވަތަ ކެޕްޓަނަށްތޯ، ސާފުކޮށް އެނގޭ ގޮތަކަށްނޫން ޖަވާބު ފޮނުވާފަ އޮތީ،" ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެކަންތައް ސާފުވާގޮތަށް އަލުން އެ މައްސަލައަށް ޖަވާބު ދޭން ކަސްޓަމްސްގައި ކޮމެޓީން އެދިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.