ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ މީޓްރޮލޮޖީ އެމްއެސްއެސް އަބްދުﷲ ހާފިޒު މިއަދު "ވަން" އަށް މިއަދު ވިދާޅުވީ މިހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ފެން ބޮޑު ވާވަރަށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭނީ ވިލާތައް ތަރުތީބު ވަމުން އަންނަ އުސޫލަކުން ކަމަށެވެ.
"މާލެއަށް ތަންކޮޅެއް ބޯކޮށް ވިއްސާރަ އެބަ ދައްކާ މަންޑޭ ޓިއުސްޑޭ ވެނިސްޑޭގަވެސް. އެހެން ނަމަވެސް އެހާވަރަށް ވާރޭ ވެހޭނެތޯ އެ ޔަގީން ކުރެވޭނީ ހަމަ ވިލާގެ ފޯމޭޝަން އައިމަ، އެޔެއް ޔަގީން ކުރެވޭނީ. މާދަމާ މެންދުފަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް އެވްރެޖު ވައި މައްޗަށް ޖެހެން ފަށާނެ،" ހާފިޒު ވިދާލުވިއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި މި ހަފުތާގައި މެންދުރު ކުރިން ވައިގަދަވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެކުނަށް ވައިބާރުވާން ފަށާނެ ކަމަށް ލަފާކުރެވެނީ، މާދަމާ މެންދުރު ފަހުން ކަމަށެވެ.
މިއަދުގެ މޫސުން ލަފާކޮށް ހާފިޒު ވިދާޅުވީ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެއަށް ކަމަށާއި ރާއްޖެގެ ދެކުނުގެ ވެސް ބައެއް ރަށްތަކަށް ވައިބާރުވުން އެކަށީގެންވާ ކަމަށެވެ.
ކުރިޔަށް އޮތް ތިން ދުވަހުގެ މޫސުން ލަފާކުރައްވަމުން ހާފިޒު ވިދާޅުވީ މާދަމާ ރާއްޖޭގެ ދެކުނަށް މާބޮޑު ވިއްސާރައެއް ނުދެއްކި ނަމަވެސް، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
"މެދުރާއްޖެތެރެވެސް، މާބޮޑު ވިއްސާރައެއް ނުދައްކާ އަދި އެހެން ނަމަވެސް މަންޑޭ އިން ފެށިގެން ދެތިން ދުވަހެއް ވިއްސާރަ ކަމަށް ދައްކާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް. މަންޑޭ ޓިއުސްޑޭ އެ ދެދުވަހު ހާއްސަގޮތެއްގައި ވިއްސާރަ ކަމަށް މި ދައްކަނީ އެވްރެޖު ވައިވެސް މިހާރު މިހުރި ވަރަށް ވުރެއިން ތަންކޮޅެއް މައްޗަށް ޖެހެންފަށައިފި މިހާރު،" ހާފޒިު ވިދާޅުވިއެވެ.
އޭގެ އިތުރުން މި ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ނުބެލެވޭ ކަމަށް ހާފިޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު