ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށް ވިދާޅުވެ، ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ރާއްޖޭން ޔޫކްރޭނަށް ތާއީދުކޮށްފި ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގުކުރައްވައިފިއެވެ.

މިނިސްޓަރު ހަލީލް އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އެގައުމުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެގައުމުން އެކްސްގައި ކުރި އެ ޕޯސްޓުގައި ބުނީ ސަލާމަތާއި ރައްކާތެރިކަމާއި ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރުމުގެ އިތުރުން ޔޫކްރޭނަށް ތާއީދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށާއި އދ. ގައި ޔޫކްރޭނަށް ރާއްޖޭން ކުރާ ތާއީދަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެކަމާ ގުޅިގެން އެކްސްގައި މިނިސްޓަރު ހަލީލް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުވާ ކަމަށާއި އދ. ގައި ރާއްޖެއިން ވޯޓުލަމުން އަންނަ ގޮތް ބެލުމުން އެކަން ސާފުވާނެ ކަމަށެވެ.

"ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ރާއްޖޭގެ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ގައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެސްޓޯނިއާ އިން ދަނީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.