ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރާން ވަން ބަޔަކު ވަޅިން ދިން ހަމަލާއެއްގައި އޭނާއަށް އަނިޔާވެއްޖެއެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި މި ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ވައްކަން ކުރާން އުޅުނު މީހާއާ ކުރިމަތިލާން މަސައްކަތް ކުރުމުގެ ތެރޭގައި އެމީހުން ވަނީ ސައިފަށް ވަޅިން ހަމަލާދީފައެވެ.
ބާންދްރާ ޑިވިޝަންގެ ޑީސީޕީއާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ވައްކަން ކުރަން އުޅުނީ ރޭ ދަންވަރު 2:30 ހާއިރުއެވެ. އެ ގެއަށް ވަން މީހާ ފިލައިގެން ގޮސްފައިވަނީ ގޭގައި ތިބި މީހުން ހޭލުމުންނެވެ. ސައިފަށް އަނިޔާވެފައިވާތީ ލީލަވަތީ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި، ހާލު އެހާ ސީރިއަސް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ލީލަވަތީ ހޮސްޕިޓަލުގެ ސީއޯއޯ ޑރ. ނިރާޖް އުއްތަމާނީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ސައިފު ލީލަވަތީއަށް ގެންދެވުނީ ދަންވަރު 3:30 ގައެވެ. އޭނާގެ ހަށިގަނޑުގެ 6 ތަނެއް ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން ދެތަނެއް ތަންކޮޅެއް ފުން ކަމަށްވެސް ހަބަރުތައް ބުނެއެވެ. އެއް ޒަހަމް ހުރީ މައިބަދަ ކައިރީގައެވެ. މިހާރު އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށާއި އޮޕަރޭޝަންގައި ބައިވެރިވަނީ ނިއުރޯ ސާޖަން ނިތިން ދަންގޭ، ކޮސްމެޓިކް ސާޖަން ލީނާ ޖައިން، އަދި އެނެސްތެޓިސްޓް ނިޝާ ގާންދީ ކަމަށްވެސް ބުނެފައިވެއެވެ. އަނިޔާގެ މިންވަރު ބުނެދެވޭނީ އޮޕަރޭޝަން ނިމުމުން ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
ބާންދްރާގައި ހުންނަ ސަތްގުރު ޝަރަން ބިލްޑިންގްގައި ހުރި ސައިފް އަދި ކަރީނާ ކަޕޫރު ދިރިއުޅޭ އަގުބޮޑު ގެއަކީ 3 ކޮޓަރީގެ ތަނަވަސް އެޕާޓްމަންޓެކެވެ. އެގޭގައި ޓެރަސް، ބެލްކަނީތަކާއި އަދި ސުވިމިން ޕޫލެއްވެސް ހިމެނެއެވެ. ދެމަފިރިންގެ ކުދިން ކަމުގައިވާ 8 އަހަރުގެ ތައިމޫރު އަދި 4 އަހަރުގެ ޖެހްވެސް ދިރިއުޅެނީ އެ ގޭގައެވެ.
ސައިފުގެ ޕީއާރު ޓީމުންވެސް ރަސްމީ ބަޔާނެއްގައި ވަނީ މީޑިއާއަށް މިކަން ކަށަވަރުކޮށްދީފައެވެ.
"އަހަރެމެން މީޑިއާއާއި ސަޕޯޓަރުންގެ ކިބައިން އެދެނީ ކެތްތެރިވުމަށެވެ. މިއީ ފުލުހުން ބަލަމުން އަންނަ މައްސަލައެކެވެ. އަހަރެމެން މި ހާލަތާ ބެހޭ އަޕްޑޭޓްތައް ދެމުން ގެންދާނަމެވެ." އެ ބަޔާނުގައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން