އިޒްރޭލުން ގާޒާގައި ހިންގަމުންދިޔަ ހަނގުރާމައަށް ނިމުމެއް ގެންނަން އެއްބަސްވުމުން އުފާކުރައްވާ ކަމަށާއި ފަލަސްތީނު އާރާތުކުރުމަށް އަވަސް އެހީ ލިބެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިއަދު ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމާސް އިން ހައްޔަރުކޮށްފައިވާ ރަހީނުން އަނބުރާ ހަވާލުކުރުމުގެ އިތުރުން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވެފައެވެ.

އެކަމާ ގުޅިގެން ރައީސް، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމަށް މަގުފަހިކޮށްދިން ގައުމުތަކަށް ރާއްޖެއިން ޝުކުރު އަދާކުރާ ކަމަށާއި ހަނގުރާމައަށް ނިމުމެއް ގެންނަން އެއްބަސްވެފައިވާތީ، އެކަމާ އާފަކުރައްވާ ކަމަށެވެ.

"އިޒްރޭލުން ފަލަސްތީނަށް ބަދަލު ދިނުމަށް ގޮވާލަން. އަދި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނަށް ލިބުނު ގެއްލުމަށްފަހު، އަލުން ފަލަސްތީނު އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލިކަން ކަށަވަރުކުރުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެނބުރި ގައުމަށް ދިއުމުގެ ފުރުސަތުދީ، އިންސާނީ އެހީތެރިކަން ލިބޭނެ ގޮތް ހެދުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާ ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ހަމާސް އިން ވަނީ ގާޒާގެ އާންމުން އެއްވެސް ތަނަކަށް ނުދިއުމަށް އަންގައިފައެވެ. ހަމާސް އިން ވަނީ އެއްބަސްވުން ޔަގީން ނުވަނީސް އެއްވެސް ބަޔަކު އެއްވެސް ތަނަކަށް ނުދިއުމަށް އަންގައިފައެވެ.

އެ އެއްބަސްވުމަކީ މިފަހުން ފެށި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި، ނަމަވެސް ދެ ފަރާތުން ވަނީ އެކަމާ ހިލާފުވެފައެވެ.

ހަމާސް ނައްތާލުމަށް ކަމަށް ބުނެ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ހަނގުރާމައިގައި ގާޒާގެ އެތައް ހާސް އާންމުން ޝަހީދުކޮށްލާފައިވާ އިރު، ހަމާސް އިން ވަނީ އެ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އިޒްރޭލުގެ އާންމުންގެ ބަޔަކު ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދިޔަ ނަސްލެއް ނައްތާލުމުގެ ޖަރީމާގައި ގާޒާގެ 47،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، މުޅި ގާޒާ ވަނީ ސުންނާފަތިކޮށްލައިފައެވެ.