ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އިން ކުރި އިޝްތިހާރަކަށް ފާޑުކިޔުން އަމާޒުވެ މައްސަލަ ބަލާން ފަށައިފިއެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އިން މި އިޝްތިހާރު ކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ އިޝްތިހާރުން ފެންނަނީ އެ އެއާލައިނުން ފްރާންސްގެ ޕެރިހަށް އަލުން ދަތުރުތައް ފެށުމުގެ ޚަބަރެވެ.

މި އިޝްތިހާރުގެ ޕޯސްޓަރަށް ފާޑުކިޔުން އަމާޒުވެފައިވަނީ އެ އެއާލައިންގެ ފްލައިޓެއް އައިފިލް ޓަވަރާ ދިމާލަށް ދާ މަންޒަރުގެ ސަބަބުންނެވެ. މިއިން ސިފަކޮށްދެނީ 2001 ވަނަ އަހަރު އެމެރިކާގެ ޓުވިން ޓަވަރަށް ދިން ހަމަލާގެ މަންޒަރު ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުވުމުން އެއާލައިން ވަނީ ހޫނުފެނަށް ވެއްޓިފައެވެ.

އިޝްތިހާރުގެ މައްސަލަ ފެންމަތިވުމާއެކު ޕާކިސްތާނުގެ އެކި ފަންތީގެ ފަރާތްތަކުން ވެސް ވަނީ އެއީ ކޮށްފައިވާ ލަދުވެތި އަމަލެއް ކަމަށް ބުނެ އެކަމުގައި ހިޔާލު ފާޅުކޮށްފައެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ބޮޑުވަޒީރު ވަނީ މި މައްސަލަ ބަލަން އަންގަވައިފައެވެ.