އަލްލު އަރްޖުންގެ 'ޕުޝްޕާ 2: ދަ ރޫލް' ވަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައި، އިންޑިއާގެ އެންމެ ބޮޑެތި ބްލޮކްބަސްޓާތަކުގެ ތެރޭގައި ހިމެނިފައެވެ. ޑިސެމްބަރު 5 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމު، މަހެއްހާ ދުވަސްވީއިރު، އަދިވެސް ބައެއް ސިނަމާތަކުގައި ދައްކަމުން އެބަގެންދެއެވެ.
މިމަހު 17 އިން ފެށިގެން 20 މިނެޓުގެ މަންޒަރުތައް އިތުރުކޮށްގެން އަލުން ދައްކަން ފަށާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
'ޕުޝްޕާ' ސިލްސިލާގެ ދެ ފިލްމުގެވެސް މިޔުޒިކް ކޮމްޕޯޒަރު ކަމުގައިވާ ދޭވީ ސްރީ ޕްރަސާދު އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ވަނީ ތިންވަނަ ބައިގެ ތަފްސީލުތަކެއް ކިޔައިދީފައެވެ.
ޑީއެސްޕީ މި ސިލްސިލާގެ ތިންވަނަ ބަޔާ ބެހޭގޮތުން ބުނެފައިވާ ގޮތުގައި ޕުޝްޕާ 2 އަށް ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ސުކުމާރު އަންނަނީ ޖޯޝާއެކު ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. އަބަދުވެސް މަންޒަރުތަކާއި ވާހަކަ އަލުން ލިޔަމުން އަންނަ ކަމަށާއި ގިނަ ކަންތައްތަކެއް އެންމެ ފަހުން ބަދަލުކުރެވިގެންދާނީ ޕުޝްޕާ 3 ގެ ވާހަކައާ ގުޅޭ ގޮތަށްކަމަށެވެ. އެހެންނަމަވެސް ބައެއް އާ ހިޔާލުތަކާއި އައިޑިއާތައް އެބަހުރި ކަމަށްވެސް ބުނެފައިވެއެވެ.
ދެވަނަ ބައިގެ ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވާގޮތުގައި ޕުޝްޕާ 1 އަށް ލިބުނު އާދަޔާ ހިލާފު ކާމިޔާބީގެ ފަހުން، ޕުޝްޕާ 2 އަށްވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދޭނެކަމުގެ ޔަގީންކަން އޮތެވެ. އުންމީދުތައް ވަރަށް މަތީގައި ހުރުމުން ގޮންޖެހުންތަކެއްވެސް ކުރިމަތިވި ކަމަށާއި މުޅި އިންޑިއާގެ އެކި ކަންކޮޅުތަކުން، އެއީ ތެލިނގު، ހިންދީ، ކަންނަޑާ، ނުވަތަ އެހެން ބަހަކުން ނަމަވެސް، ލިބުނު ލޯތްބަކީ ޖާދޫއެއްކަމަށް އޭނާ ބުންޏެވެ. މަހާރާޝްޓްރާ، ކަޝްމީރު، ނޭޕާލް އަދި އެހެނިހެން ގައުމުތަކުގެ މީހުންވެސް މި ފިލްމު ބަލައިގަތްކަމަށާއި އެންމެނަށް ޝުކުރުއަދާކުރާ ކަަމަށް އޭނާ ބުނެފައިވެއެވެ.
އަލްލު އަރްޖުންގެ މި ފިލްމު ވަނީ އެސްއެސް ރާޖަމޯލީގެ 'ބާހުބަލީ 2' ގެ ކަލެކްޝަންތައް ފަހަނައައަޅައި ގޮސްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 1,831 ކްރޯޑު ރުޕީސް އަދި އިންޑިއާއިން އެކަނި 1,438 ކްރޯޑު ރުޕީސްގެ އާމްދަނީއާއެކު، އަލްލު އަރްޖުން، ރަޝްމިކާ މަންދަންނާ އަދި ފަހަދު ފާސިލް ލީޑް ރޯލުގައި ފެނިގެންދިޔަ މި ފިލްމު ވަނީ އިންޑިއާގެ އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުގެ ގޮތުގައި ރެކޯޑު ހަދާފައެވެ.
ފިލްމުގެ ޕްރޮމޯޝަންގެ ތެރޭގައި، ސުކުމާރު ވަނީ ފިލްމުގެ ވާހަކައިގައި އިތުރު ކަންތައްތަކެއް ހުރިކަމަށް ދޭހަވާ ވީޑިއޯތަކެއް ދޫކޮށްފައެވެ. 'ވެއާ އިޒް ޕުޝްޕާ ރާޖް؟' މި ނަމުގައި ދޫކުރި ވީޑިއޯއަކުން ދޭހަވަނީ މައިގަނޑު ކެރެކްޓާ މަރުވެފައިވާ ކަމަށް ނަމަވެސް، އޭނާ ފިލައިގެން އުޅޭކަން އެނގިގެންދެއެވެ. ގިނަ ބަޔަކު ހިތަށްއެރީ މިއީ 'ޕުޝްޕާ 3: ދަ ރެމްޕޭޖް' އަށް މަގުފަހިކުރުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ފިލްމުގެ ޓީމުން މިކަން އެއްވެސް އިރަކު ސާފުކޮށްދީފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން