ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު 'ވަން' އަށް ވިދާޅުވީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ފާސްކުރީ ޕީޖީ ގުރޫޕުގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް 10 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގައި 12 މެންބަރުން ތިއްބެވި ނަމަވެސް މިނިސްޓަރަކު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ނެތެވެ.
ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާއިރު އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުންވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާ ގޮތުން ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި ނަކަލު ކުރުމަކީ ކުށެކެވެ. އެއީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު