ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައަކާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ ހަތަރު ފަރާތުގެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު، ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފް، ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ. އެ ހަތަރު މީހެއްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ.
ދައުވާ ލިބޭ ފަރާތްތަކުން މާލޭގެ ފަސް ސަރަހައްދެއްގައި ބޮމެއް ގޮއްވާލުމަށް މަސައްކަތް ކުރި ކަމަށް ދައުލަތުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ދައުލަތުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ 2022 ވަނަ އަހަރު ބަދަލުވެފައިވަނިކޮށް ދައުލަތުން ވަނީ ދައުވާ ފޯމަށް ބަދަލެއް ގެނެސް އިބްތިދާއީ މަރުހަލާ ފެށުމަށް އެދިފައެވެ. ދައުލަތުން އެދުނު ގޮތަށް ކުރިއަށް ގެންދިއުމަށް، ފަހުން މައްސަލަ ބެލުމާ ހަވާލުވި ގާޒީ އަލީ ނަދީމް ނިންމެވިއެވެ. ދައުލަތުން ވަނީ ދައުވާ ފޯމަށް ބަދަލު ގެނެސް ދައުވާގެ ތެރެއަށް ކުނޫޒު ގޮއްވާލަން އުޅުނު ބަޔާއި މއ. އެނބޫގޭގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގައި އައިޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން އަދި ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ހިމަނައިފައެވެ.
ނަމަވެސް މައްސަލައިގައި ދައުވާ ލިބޭ އިއުތިސާމް މުހައްމަދު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން 2024 އޮކްޓޫބަރު 7 ގައި ހުކުމްކޮށްފައިވަނީ ދައުވާގައި އިތުރު ކަންތައްތަކެއް ހިމެނުމުގެ ފުރުސަތު ދަށު ކޯޓުން ދައުލަތަށް ދީފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ގާޒީ ނަދީމް ވަނީ ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅި ދައުވާ ފޯމަށް ރުޖޫއަވުމަށް ނިންމަވައިފައެވެ.
ގާޒީގެ އެ ނިންމެވުމާ ގުޅިގެން ދައުވާ ލިބޭ ފަރާތްތަކުގެ ދިފާއީ ވަކީލުން ވަނީ ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅި ދައުވާގެ ފޯމު ސެޓް ނެތްކަން ފާހަގަކުރައްވައިފައެވެ. އެހެންވެ ދިފާއުން އެދިފައިވަނީ އަލުން ދައުވާ ފޯމު ސެޓު ލިބުމުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ދިފާއީ އިތުރު ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ދިނުމަށެވެ.
ދިފާއުން އެދުނު ގޮތަށް ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފައެވެ.
މި މައްސަލައިގެ އެންމެ ފުރަތަމަ ދައުވާ ފޯމަށް އަލުން ރުޖޫއަވުމަށް ގާޒީ ނިންމެވުމާ ގުޅިގެން ދެން މި މައްސަލަ ޖެހޭނީ އަލުން ބަލާށެވެ.
މި މައްސަލައިގައި ދައުވާ ކުރި މުހައްމަދު ތަސްލީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ވެސް ހިމެނޭ މީހެކެވެ. އަދި ހަރުކަށި އިސްލާމިކް ސްޓޭޓަށް ތާއިދުކުރާ ބައެއް މީހުން ވެސް އެ މައްސަލައިގައި ހިމެނެއެވެ.
ކުނޫޒުގައި ބޮމެއް ގޮއްވާލުމަށް ރޭވި މައްސަލައިގައި ބަޔަކު ހައްޔަރުކުރި ދުވަސްވަރަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އައި ދުވަސްވަރެވެ. އެގޮތުން ކުނޫޒުގައި ސިލްސިލާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބާއްވަމުންދިޔަ ޖަލްސާތަކުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު