ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ރިކަވާކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބެކްއަޕް ސާވާ ނިޒާމުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި އެ މަސައްކަތް ހުރީ ނިމުމަކާ ގާތްވެފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސާވާތަކަށް ގެއްލުން ލިބުނު ނަމަވެސް ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމްގެ އެއްވެސް މައުލޫމާތެއް ނުގެއްލޭ ކަމަށާއި ސާވާގެ ޑިސްކުތައް ރިކަވާކޮށް، ސިންގަޕޫރަށް ފޮނުވައިގެން އެއިން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"ނަމަވެސް ފުދޭ ވަރަކަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައި ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ގިނަ ލިޔުންތަކާއި ޑޭޓާ ގެއްލިފައިވާ ކަމަށެވެ. އެގޮތުން، ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ މައުލޫމާތު ހުންނާނީ ސާވާގައި ކަމަށް ވިދާޅުވިއެވެ.