ކުރީ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން ކަށަވަރުކުރާން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ކުރީ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 4،000 މީހުންގެ ފޯމު އަލުން ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"20،000 ފޯމު އަލުން ރީ އެވިއުލޭޓެއް ނުކުރާނަން. 4000 ފޯމު އަލުން ވެރިފައިކުރުމުގެ މަސައްކަތް މިކުރަނީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް ކުރަނީ ނޮވެމްބަރު 15، 2023 ގައި އާންމުކުރި ލިސްޓު ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފްލެޓަށް އެދިފައިވާ ފޯމު ލައިފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައިވާ ލިސްޓް ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޕްރޮސެސް ކުރިއަށްގެންދާ އިރު، އެއިރު އެޕްލިކޭޝަން ހުށަހެޅި ޕޯޓަލްގައިވާ އިރުޝާދުތަކަށް ބަލާނެ ކަމަށާއި އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ލިޔުންތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕޯޓަލްގައި ނުހިމެނޭ ލިޔުންތައް ގާނޫނީ ގޮތުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ފޯމުތައް ވެރިފައިކުރުމަށްފަހު، ގެޒެޓްކުރާނީ ފޯމުގައި މައްސަލައެއް ހުރިނަމަ، އެމައްސަލަ އެނގޭ ގޮތަށް ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އަމާޒަކީ ރޯދަ މަހުގެ ކުރިން އެ ލިސްޓު ގެޒެޓުކުރުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު