ރަންދިހަފަހެއް ސީރީޒްގެ 100 ރުފިޔާގެ އާ ނޫޓު، ދައުރުވާ ފައިސާގެ ގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިއުލާންކޮށްފައެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެ ފައިސާ ނޫޓަކީ، 15 ޑިސެމްބަރު 2024 ގައި، ސްޓޮކް މަދުވުމުގެ ސަބަބުން ގެނައި ނޫޓުތައް ކަމަށެވެ.

އެ ނޫޓުތަކުގެ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި، އެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ ނޫޓުތަކުގައިވާ ތާރީހަކީ 7 ޖުލައި ،2024 އަދި 1 މުހައްރަމް 1446 އެވެ.

އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މި ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓުތައްވެސް ދައުރުވަމުންދާނެއެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ 50 ރުފިޔާ އާއި ފަސް ރުފިޔާ އާއި ދިހަ ރުފިޔާ އަދި 20 ރުފިޔާގެ އިތުރުން 100 ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ. ނޫޓުތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ.

ޑިސެމްބަރު 2022 ގައި ވަނީ ދިވެހި ރުފިޔާގެ ނިޝާން ޖަހައިގެން ފުރަތަމަ ފަހަރަށް ނޫޓުތަކެއް ދައުރުކުރަން ފަށައިފައެވެ. ރުފިޔާގެ ނިޝާން ޖަހައިގެން އޭރު ދައުރުކުރަން ފެށީ ސްޓޮކް މަދުވެގެން އޭރު އަލަށް ޗާޕުކުރި 50 ރުފިޔާގެ ނޫޓުތަކުގައެވެ. އެ ނޫޓުތަކުގައި ވެސް ސޮއިކުރައްވާފައިވަނީ އޭރުގެ ގަވަރުނަރު އަލީ ހާޝިމެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒެކެވެ. ރަން ދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓް، 500 ރުފިޔާގެ ނޫޓް 100 ރުފިޔާގެ ނޫޓް، 50 ރުފިޔާގެ ނޫޓް 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުގެ އިތުރުން ފަސް ރުފިޔާގެ ނޫޓެވެ. މި ނޫޓްތައް ތައްޔާރުކޮށްފައި ވަނީ ޕޮލީމާ މެޓީރިއަލް އިންނެވެ.