ޝާހުރުކް ޚާން، ދިނޭޝް ވިޖަން އަދި އަމަރު ކައުޝިކްއާއެކު 'ޗަމުންޑާ' ފިލްމާ ބެހޭގޮތުން މަޝްވަރާކުރަމުން ދިޔަކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އާލިއާ ބަޓް ވެސް މި ފިލްމާ ގުޅޭގޮތުން މަޝްވަރާކުރަމުން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ފަހުގެ ރިޕޯޓުތަކުން ބުނާގޮތުގައި ޝާހު ވަނީ މި ޕްރޮޖެކްޓް ދޫކޮށްލައިފައެވެ. މިގޮތަށް ނިންމީ މިހާރު ވުޖޫދުގައިވާ ބިރުވެރި-މަޖާ ޔުނިވަރސްގައި ބައިވެރިވުމަށް އޭނާ ބޭނުން ނުވާތީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުގައި ވާގޮތުން، މިހާރު ވުޖޫދުގައިވާ ސިނަމާއީ ޔުނިވަރސްއެއްގެ ބައިވެރިޔަކަށް ވުމުގެ ބަދަލުގައި، މެޑޮކް އަދި އަމަރު ކައުޝިކްއާއެކު، ޝާހު އާ ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ޝާހު ވަނީ ތަޖުރިބާ ނުކުރެވޭ އާ ހިޔާލެއް ހުށަހެޅުމަށް އެދިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މި ދެ ފަރާތުން މިހާރު ވިސްނަމުން އަންނަނީ 'ޗަމުންޑާ' އަށް އެހެން އޮޕްޝަންތަކަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޝާހު ދެން ފެނިގެންދާނީ ސިއްދާރުތު އާނަންދުގެ 'ކިންގް' ފިލްމުގައެވެ. މި ފިލްމުގައި ސުހާނާ ޚާން އަދި އަބިޝޭކް ބައްޗަން ވެސް ފެނިގެންދާނެއެވެ.