މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިފްކޯގެ ސީއެފްއޯގެ މަގާމުން އިލްޔާސް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެކަމާ ގުޅިގެން އިލްޔާސް "ވަން" އަށް މިއަދު ވިދާޅުވީ، މިފްކޯގެ ސީއެފްއޯގެ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެގެން ކަމަށާއި އެހެން ދާއިރާއަކުން ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

"(މިފްކޯ)ގެ އެކްޓިން ސީއީއޯގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު އަޅުގަނޑު ދެކޭގޮތުގައި މިއީ ކުރިއަށް ދާން އެންމެ ރަނގަޅު ވަގުތު." އިލްޔާސް ވިދާޅުވިއެވެ.

މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުއާ ގުޅިގެން ޕީސީބީއަށް ހުށަހެޅުނު ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައްސަލަތަކެއްގައި އޭނާ ސަސްޕެންޑްކުރުމަށް ފަހު، އެ ކުންފުނީގެ ހިންގުން ހަވާލުކޮށްފައި ހުރީ އިލްޔާސާ އެވެ. ޕީސީބީން އެ މައްސަލަ ބެލުމަށް ފަހު ސަމާހު ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ މަގާމެއް އޭނާއަށް ފަހުން ދީފައިވެއެވެ.

މިފްކޯގައި ތިން އަހަރު ހޭދަކުރައްވާފައިވާ އިލްޔާސް މަގާމުން އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ ހިންގުން މި ވަގުތު ބަލަހައްޓަވަނީ ޖެނެރަލް މެނޭޖަރު ހާމިދު ނަޒީމެވެ.

ޕީސީބީން ވަނީ މިދިޔަ މަހު މިފްކޯގެ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަން ކޮށްފައެވެ. ނަމަވެސް އޭނާ އަދި ރަސްމީކޮށް މަސައްކަތާ ހަވާލެއް ނުވެއެވެ.