އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސްގެ ހަވާލުގައި މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގޮސް، އެނބުރި ރާއްޖެއަށް ނާދެވި ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނެސްފިއެވެ.
އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ 23 މީހަކަށް ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވީ އުމްރާގެ އަޅުކަމަށް ދެއްކި ފައިސާ އަލްހިޖުރަ ގުރޫޕުގެ އެހެން ކަމަކަށް ބޭނުންކުރުމުން ރިޓާން ޓިކެޓު ނުނެގިގެންނެވެ. އެކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ އުމްރާވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އަލްހިޖުރަ ގުރޫޕާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައެވެ. ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަން ޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށްވެސް މިިނިސްޓްރީން ބުންޏެވެ.
- ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސްއަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
- ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން
މީގެ އިތުރުން އުމުރާއަށް މީހުން ގެންދިއުމުގެ އުސޫލާ ބައެއް އެހެން ޖަމާއަތްތަކުން ވެސް ހިލާފުވެފައިވާތީ، އެފަދަ ޖަމާއަތްތަކުން އިހުމާލުވި މިންވަރަށް ބަލައި، އަންނަ ހަފުތާ ތެރޭ އެ ޖަމާއަތްތަކަށް ފިޔަވަޅު އަޅަން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު