އިންޑޮނޭޝިއާގެ މައުންޓް އިބޫ ގޮވައިފިއެވެ.

އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ އަލިފާން ފަރުބަދަ ''މައުންޓް އިބޫ'' ގޮވީ އިއްޔެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުންޓް އިބޫ ގޮވުމާއެކު ދިޔާ އަލިފާން ފައިބަން ފަށާފައިވާކަމަށާއި ސަރަހައްދުގައި ދުން ވެސް ބޯވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ދުމުގެ އިތުރުން އަޅީގެ އަސަރު ހަތަރު ކިލޯ މީޓަރު ދުރަށް އެބަހުރި ކަމަށް އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އެޖެންސީގެ އޮފިޝަލުން ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދިޔާ އަލިފާން ދެ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް ބުނެފައެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މިހާރު ވަނީ އެލާޓް ލެވެލް މަތި ކޮށްފައެވެ.

އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުން ފެށިގެން 5.5 ކިލޯމީޓަރު ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިދާރާތަކުން އަންގާފައިވާއިރު އެ ސަރަހައްދާ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އޮފިޝަލުން ވަނީ އަންގާފައެވެ.