މާފަންނުގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މާލޭ ސިޓީ ކައުންސިލުގެ އިހުމާލުން ހަލާކުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވުމުން އެ ވާހަކައަށް މޭޔަރު އާދަމް އާޒިމް ރައްދު ދެއްވައިފިއެވެ.

މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކުރަން ހަވާލުކުރި ކޮންޓްރެކްޓަރު އެ ތަން ހުސްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންގުމަކާ ނުލައި މާލޭގެ ހުޅަނގު އުތުރު ފަރާތަށް ހިދުމަތް ދޭ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން އެ މީހުން ވަނީ ތަޅާލާފައި. އެކަމުގެ ސަބަބުން ވަށައިގެންވާ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި،" މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބުގެ ޕޯސްޓަށް ރައްދުދެއްވައި މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަނަށް ލިބުނު ގެއްލުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާ ހިނގިއިރު އެ ޕަމްޕް ސްޓޭޝަން މަސައްކަތް ނުކުރާ ކަމަށާއި އެ ސްޓޭޝަނުގައި ބަހައްޓާފައި ހުރި ކަރަންޓް ސާމާނުތައް ފަޅާލައި، އެ ސާމާނުތައް ބޭނުން ނުކުރެވޭ ގޮތަށް ހަލާކުކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސިޓީ ކައުންސިލުން ބެލި ބެލުމުން އެނގިފައިވަނީ އެ ސްޓޭޝަނުގެ ހިދުމަތް ނުލިބޭތާ މަދުވެގެން ފަސް މަސް ވެފައިވާކަން" އާޒިމް ވިދާޅުވިއެވެ.

މާލޭ މަގުތަކުން ފެން ހިންދަން ބަހައްޓާފައި ހުންނަ ސްޓޯމް ވޯޓާ ޕަމްޕުތައް ބަލަހައްޓަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.