"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު އަންނަ ރޯދަ މަހުގެ ކުރިން ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ. އަދި ގދ. ގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެއްވަދުއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިނިސްޓްރީތަކަށް އެ މަނިކުފާނު މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ގެނައި ބަދަލުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީގެ ޒިންމާތައް މިހާރު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް ބަދަލުކޮށް، ކުރީގެ ހައުސިން މިނިސްޓްރީގެ ޒިންމާތައް ޑރ. އަބްދުﷲ މުއްތަލިބާ ހަވާލުކުރައްވައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީން ކުރި މަސައްކަތް ރިވިއުކޮށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ކަންތައް ކުރިއަށްދާނެ ކަމަށެވެ. އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުންނަށް ދީފައިވާ އެއްވެސް ފުލެޓް އަދި ގޯއްޗެއް އަތުނުލާނެ ކަމަށާއި ނަމަވެސް ނުގަވާއިދު، ދޮގު ހަދައިގެން އަދި ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން މީހަކު ފުލެޓާއި ގޯއްޗެއް ހޯދައިފައިވާނަމަ، އެ މީހެއްގެ އަތުން އެ ފުލެޓެއް ނުވަތަ ގޯއްޗެއް އަތުލާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު މިކުރަނީ ވީހާވެސް އަވަހަކަށް މި ފުލެޓުތައް އެ 4،000 ފުލެޓުގެ ކަންތައް ނިންމާ އަޅުގަނޑުމެންނަށް އިއުލާންކުރެވޭނެ ކަމަށް އިނގޭތޯ. ރޯދައިގެ ކުރިއަށް ހަމަ އިރާދަކުރެއްވިޔާ އިއުލާންކުރަން މި މަސައްކަތް ކުރަނީ، އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފުލެޓާއި ގޯތި އެ މީހަކަށް ލިބުނު ތަނަކުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.

އެ މަޝްރުއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.

އެއަށްފަހު މިހާރު އޮތް ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައިދަރު އޮތީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިދިޔަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ލިސްޓު އާންމުކޮށްފައެވެ. އެކަމާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވެފައިވަނީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެފަހުން ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު ނެރުމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ. އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަލީ ހައިދަރު އަހުމަދެވެ.