ގއ. ކަނޑުހޫޅުދޫގެ ބިން މިއަންނަ އަހަރު ހިއްކައި އެ ރަށުގައި ރޯ ހައުސް މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ގއ. އަދި ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ކަނޑުހުޅުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކަނޑުހުޅުދޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށެއްކަން ރަށު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަނޑުހުޅުދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން އޮތީ އެ ރަށު ބިން ހިއްކައިގެން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އަންނަ އަހަރު ރަށުގެ ބިން ހިއްކުމަށްފަހު އެ އަހަރު ތެރޭގައި ނުވަތަ ޖެހިގެން އަންނަ އަހަރުގެ ތެރޭގައި އެ ރަށުގައި ރޯ ހައުސް މަޝްރޫއެއް ހިންގަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

"ބިން އިތުރު ކުރެވިގެން އިތުރަށް ހައުސިން ޔުނިޓް އެޅޭނީ ވެސް. މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ގަބޫލެއް ނުކުރެވޭ ބިން ހިއްކުމުގެ މަޝްރޫއުއެއް. އެހެންނަމަވެސް މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަދޭނަން އިރާދަކުރެއްވިއްޔާ. ހިންގައި އަދި ބިން ހިއްކާ ނިމުނީމަ މިއަންނަ އަހަރު ނުވާކަންވަންޏާ ދެން ޖެހިގެން އޮންނަ އަހަރު އެންމެ ލަސްވެގެން ރޯ ހައުސް ހައުސިން މަޝްރޫއެއް ހިންގަދޭނަން،" ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް އެ މަނިކުފާނު ދަތުރުފުޅުތައް ކުރެއްވުމުގެ މަގުސަދަކީ ވެސް ރައްޔިތުންނަށް ދިމާވެފައިވާ އެފަދަ ދަތިތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށަށް ވަޑައިގަތުމުގެ އިތުރު ބޭނުމަކީ މި އަހަރު ތެރޭގައި ރައްޔިތުންނަށް މުހިންމުވާ މަޝްރޫއުތައް ހިނގާނެ ކަމުގެ ޔަގީންކަން ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން މަޝްރޫއުގެ އިތުރުން ވެސް ރައީސް ވަނީ ކަނޑުހުޅުދޫގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ލަސްވުމުގެ މައްސަލަ ހައްލުކޮށް އިތުރު ކްލާސްތަކާ އެކު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ފުޓްސަލް ދަނޑުގައި ފެންސް ޖެހުމާއި ރޮސްޓްރަމް ޖާގަ އިތުރު ކުރުމުގެ އިތުރުން ދަނޑުގެ ޓާފު ބަދަލުކޮށް އެތްލެޓިކްސްއަށް އެތަން ވެސް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.