މާދަމާއިން ފެށިގެން ޔޫކޭއަށް ދަތުރުކުރާ ދިވެހިން ''އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން'' ފުރިހަމަކުރަން ޖެހޭނެ ކަމަށް އެގައުމުން އިއުލާން ކޮށްފިއެވެ.

އިނގިރޭސިވިލާތުން ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ''އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން'' ގަވާއިދަށް މާދަމާއިން ފެށިގެން އަމަލު ކުރަން ޖެހޭއިރު ޔޫކޭއިން ވަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން 48 ގައުމެއްގެ މީހުން މި މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

''އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން'' ފުރިހަމަ ކުރަން ޖެހޭނީ ޔޫކޭއަށް ވިސާއާ ނުލައި އެތެރެވާ ފަރާތްތަކުން ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ޔޫކޭއިން އަލަށް ތައާރަފުކުރާ ''އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން'' އަށް އެދުމަށް އެ ގައުމަށް ދަތުރުކުރުމުގެ ކުރިން އެޕެއް މެދުވެރިކޮށް އޮންލައިންކޮށް އެދެން ޖެހޭނެ އެވެ. އަދި އެ ފުރިހަމަކުރުމަށް 12.50 އެމެރިކާ ޑޮލަރުގެ ފީއެއްވެސް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.