އަލަށް ހައްޖަށް ދާ މީހުންނަށް އަންނަ އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކެބިނެޓުުގެ މިއަދުގެ ބައްދަލުވުމުގައި އެ މަނިކުފާނު އެގޮތަށް ނިންމެވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެ ބަދަލު ގެންނާނީ އަންނަ އަހަރުން ފެށިގެން ރާއްޖެއިން މީހުން ހައްޖާ ގެންދާއިރު ކަމަށެވެ.
- އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ވަކި ޕަސަންޓެއް ހާއްސަކުރުން
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން
- ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުންކަމަށް ކަނޑައެޅުން
ރައީސް އޮފީހުން ބުނީ، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ (ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެ މީހެއް) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށެވެ.
ހައްޖަށް ދިއުމަށް ގިނަ ބަޔަކު ކިޔޫގައި ތިބުމުން ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު