ރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާ އެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހަލީލް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
އެ ދަތުރުގެ ތެރެއިން އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއެއްގައި ހަލީލު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގުޅުން މިހާރު ރަނގަޅު ވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން ދަނީ ރާއްޖޭގެ ތަރައްގީއަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
"މި ދަތުރުގައި ވެސް 100 މިލިއަން ރުފިޔާ، އެއީ ގާތްގަނޑަކަށް ހަ މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮގުރާމު ރާއްޖެއަށް ގްރާންޓު ކޮށްދީފި. އަދި އަޅުގަނޑުގެ މި ދަތުރުގެ ތެރެއިން މިހާރު އެކަމާ ގުޅުންހުރި އެމްއޯޔޫގައި ވެސް ސޮއިކޮށްފިން،" ހަލީލް ވިދާޅުވިއެވެ.
"މި ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮގުރާމުތަކުގެ ތެރެއިން އޮފީސްތައް 'ރަށްރަށުގެ ކައުންސިލަށް ބޭނުންވާ އޮފީސް އިމާރާތް' ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން މުޖުތަމައުއާ ގުޅިފައި ހުރި ބައެއް ހިދުމަތްތައް ދޭން ފެށުން ހިމެނޭ. އޭގެތެރޭގައި ޕާކުތަކާއި އެކި އުމުރުފުރާތަކަށް ބޭނުންވާ ޖާގަތައް ތަރައްގީ ކުރުމާއި ސިއްހީ ބައެއް ޕްރޮޖެކްޓުތައް ހިންގާނެ،"
ހަލީލު ވިދާޅުވީ އިންޑިއާއިން ދިން އެހީގެ ސަބަބުން އެއް އަތޮޅެއްގައި ހިމެނޭ ރަށްތައް ދަތުރުފަތުރުން ގުޅުވައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އެކަންކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.
އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޖައިޝަންކަރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖެއިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހަލީލްއާއެކު ބޭއްވި ބައްދަލުވުމުގައި ތަރައްގީގެ އެއްބާރުލުމާއި އިގްތިސޯދީ، ސަލާމަތީ، ފިންޓެކް އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޖެއިޝަންކަރު ވިދާޅުވެފައިވަނީ އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތު (އެސްއޭޖީއޭއާރު) ވިޝަންއާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން ދެމި ހުންނާނީ ވަރުގަދަ އެހީތެރިއެއްގެ ގޮތުގައި ކަމަށް ޖެއިޝަންކަރު ވިދާޅުވެފައިވެއެވެ.
ރާއްޖެއަކީ އިންޑިއާގެ ސިޔާސަތެއް ކަމަށްވާ "ނެއިބާހުޑް ފަސްޓް"ގެ ސާފު މިސާލެއް ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު