އެމެރިކާގެ ނޫހެއްކަމުގައިވާ ވޮޝިންޓަން ޕޯސްޓުގައި އިންޑިއާ އިން ހަރަދުކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރޭވުންތަކެއް ރޭވިކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކީ މުޅީން ދޮގު ރިޕޯޓެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ، ވޮޝިންޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ހީނަރުކުރަން އަބަދުވެސް ބަޔަކު މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
"އެއީ މުޅީން ދޮގު، އެ ތުހުމަތުތަކަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް ތެދެއް ނެތް ތުހުމަތުތަކެއް،" ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓާ ގުޅިގެން މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ވޮޝިންގްޓަން ޕޯސްޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ޕްލޭންގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެއެވެ.
އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު