ކުރިއަށްއޮތް 48 ގަޑިއިރުތެރޭ މޫސުން ރަނގަޅުވަމުންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ ކުރިއަށް އޮތް 48 ގަޑިއިރުގެ މޫސުން ލަފާކުރާގޮތުން ނަމަ ރާއްޖޭގެ ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ.

ނަމަވެސް މިއަދުގެ 18:00 އާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން އެެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އޭގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ގަދަވުން އެކަށިގެންވާ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނަމަ ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށެވެ. އެއީ 144.0 މިލިމީޓަރުގެ ވާރޭއެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ރެކޯޑް ކޮށްފައިވާ އަދަދަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހުނީ އއ. މާމިގިއްޔަށެވެ. އެއީ 113.0 މިލިމީޓަރުގެ ވާރޭއެވެ.

އެމްއެންޑީއެފް މީޑިއާ އިން މިއަދު ބުނީ އިއްޔެގެ 11:37 އިން މިއަދުގެ 8:30 އާ ހަމައަށް މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ. އޭގެ އިތުރުން އެމްއެންޑީއެފުން 210 ގެޔަކަށް 1550 ވެލި ބަސްތާ ޖަހާދީފައިވާނެ ކަމަށެވެ.