ދުންފަތް އޮޅުމަށް ބޭނުންކުރާ ޕޭޕަރު، ރިޒްލާ ފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން ވެސް މަނާކަން ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް އެޑްރެސްކުރައްވައި ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވާ ކަމަށެވެ.

ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިން އާއި، ދުންފަތާއި ދުންފަތުގެ ތަނޑިއަކީ ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ކަމަށް ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހިފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.

ދާދިފަހުން ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު ސިނގިރޭޓުގެ އަގުބޮޑުވުމުން، އެންމެ ޑިމާންޑު ބޮޑުވެފައިވަނީ ދުންފަތް އޮޅައިގެން ނުވަތަ ބިޑި ތައްޔާރުކުރާ އާލާތްތަކަށެވެ. ސަބަބަކީ ސިނގިރޭޓަށްވުރެ އަމިއްލައަށް ތައްޔާރުކުރުމުން، ދާ ހަރަދު ބޮޑުތަނުން ކުޑަވުމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ‘ވަން’އަށް މިރޭ ވިދާޅުވީ މިނިސްޓްރީން ކަސްޓަމްސްއަށް އެގޮތަށް އެންގީ ރާއްޖޭގައި ދުންފަތުގެ ބާވާތްތައް އުފެއްދުމަކީ ގާނޫނުން މަނާކޮށްފައި އޮތް ކަމަކަށްވާތީ ކަމަށާއި މިހާރު އާންމުކޮށް ބޭނުންކުރާ ރިޒްލާ ފަދަ ތަކެއްޗަކީ ވެސް ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ބެލެވޭނެ ކަމަށެވެ.