ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުކުމްކޮށްފައެވެ. އެ ޖޫރިމަނާ ފައިސާގެ ތެރެއިން އަދީބު ނުދައްކައި އޮތީ އެއް މިލިއަން ރުފިޔާއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް އަދީބުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އަދީބުގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ ހުށަހަޅާފައިވާ އެ މައްސަލައިގައި މިހާތަނަށް ދައްކަންޖެހި ނުދައްކައިވާ އެއް މިލިއަން ރުފިޔާ ދައުލަތަށް ލިބިދިނުމުގެ ގޮތުން އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމަށް އިހުތިރާމުކުރުމަށް ދައުވާ ލިބޭ އަދީބަށް އަންގައި ހުކުމްކުރާ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ވަނީ ސާބިތުވެފައެވެ. އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށެވެ.

އެ ދައުވާތައް ސާބިތުވެ، އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ފަހުކޮޅު އަދަބު ލުއިކޮށްދެއްވުމުން 2023ގެ ނޮވެމްބަރު 13 ގައި އަދީބު ވަނީ މިނިވަންވެފައެވެ.