މާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ޓީޓީއެޗް ކްލިނިކުގެ ހިދުމަތްތައް އިތުރުކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގައި ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އާ ހިދުމަތްތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އެ ހިދުމަތް ފަސޭހަކަމާއެކު މާލެއިން ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ފެމިލީ މެޑިސިން ކޮންސަލްޓޭޝަންތަކާއި ފިޒިއޮތެރަޕީގެ އިތުރު ހިދުމަތްތައް އާންމުންނަށް ހުޅުވާލާފައިވާ ކަމަށާއި އަދި ބޭސްގަނޑު (ޑްރެސިންގް) ބަދަލުކުރުން ފަދަ ކުދި ފަރުވާތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމެއްވެސް އެ ކްލިނިކުގައި ހުންނާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ޓީޓީއެޗް ކްލިނިކުން ކުރިއަށްއޮތް ތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހިދުމަތްތައް މާލެއިން ފޯރުކޮށްދޭން ފެށުމުން، ކުރިން ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ހަރަދު ސަލާމަތްވެގެންދާނެ ކަމަށެވެ.
"މާލޭގައި މި ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ބަލިމީހާއަށް ފަސޭހައިން ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެންގެ މަގުސަދަކީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް އިޖާބަދިނުމާއި، ހިދުމަތް ލިބިގަތުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުން،" ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވިއެވެ.
ޓީޓީއެޗް ކްލިނިކުގެ ފެމިލީ މެޑިސިން ހިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 6:00 އަށް ލިބޭނެއެވެ. އޭގެ އިތުރުން ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަން ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެއެވެ.
- ފެމިލީ މެޑިސިން ކޮންސަލްޓޭޝަން
- ކުދި ޓްރީޓްމަންޓްތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމް
- "ޕޯސްޓް-އޮޕް ރީހެބް" ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން/ފިޒިއޯތެރަޕީ
- ޕެއިން/ ތަދު މެނޭޖްކުރުމުގެ ފަރުވާ
- ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ
- ސްޓްރޯކް ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ
- ކުޑަކުދިންގެ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ
- ސްޕޯޓްސް ތެރަޕީ
ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތާއެކު ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު