ޖެނުއަރީ ފެބްރުއަރީ ކަހަލަ މަސްމަސް ހިމެނޭ މީލާދީ ކަލަންޑަރަކީ ވަރަށް ފަހަކާ ހަމައަށް ދިވެހިން ތަބާވި ކަލަންޑަރެެއް ނޫނެވެ. ދިވެހީންގެ ގިނަބަޔަކު ދަންނަ ކަލަންޑަރެއްވެސް ނޫނެވެ. ދިވެހިން ދަންނަނީ ހިޖުރީ ކަލަންޑަރެވެ. ދިވެހިން ފަރިތައީ މުހައްރަމް ސަފަރު ކަހަލަ ހިޖުރީ މަސްމަހަށެވެ. މީގެ ގާތްގަޑަކަށް ނުވަ ގަރުނު ކުރިން ދިވެހިރާއްޖެ އިސްލާމްވީއްސުރެ ތަބާވަމުން އައީ ހިޖުރީ ކަލަންޑަރަށެވެ. ތާރީޚު ޖަހަމުން އައީ ހިޖުރީ ކަލަންޑަރުންނެވެ. އެކަން ބަދަލުވާންފެށީ މީގެ ގާތްގަޑަކަށް 67 އަހަރު ކުރިން ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގެ ތެރޭގައެވެ. ކޮންމެއަކަސް މިހާރު އެންމެންވެސް އެންމެ ބޮޑަށް ފަރިތައީ މީލާދީ ކަލަންޑަރަށެވެ. މިއަދަކީ މީލާދީ ކަލަންޑަރުން އައު އަހަރެެއް ފެށުނު ދުވަހެވެ. މިއަދަކީ ޖެނުއަރީ އެއްވަނަ ދުވަހެވެ. މީލާދީ ކަލަންޑަރަކީ 1582 ވަނަ އަހަރު ކްރިސްޓިއަނުންގެ ބޮޑުފާދިރީ ޕޯޕް ގްރެގަރީ ތައާރަފު ކުރެެއްވި ކަލަންޑަރެކެވެ. އެހެންވެ އޭނާގެ ނަމަށް ނިސްބަތްކޮށްފައި މިއަށް ކިޔަނީވެސް ގްރެގޯރިއަން ކަލަންޑަރެވެ.
އޭގެ ކުރިންވެސް ކަލަންޑަރެއް އޮންނާނެތާއެވެ. އޮތެވެ. އެއީ ރޯމަނުން ތައާރަފުކުރި ކަލަންޑަރެކެވެ. އެހާތަނަށް ދުނިޔޭގެ ގިނަބަޔަކު ތަބާވަމުންއައި ކަލަންޑަރަކީ މިދެންނެވި ޖޫލިއަން ކަލަންޑަރެވެ. މި ދެ ކަލަންޑަރުގެވެސް އަސާސަކީ އިރެވެ. ޖޫލިއަން ކަލަންޑަރުގައިވެސް އަދި އޭގެފަހުން ގްރެގޯރިއަން ކަލަންޑަރުގައިވެސް އަހަރު ފެށޭ ދުވަހަކީ ޖެނުއަރީ އެއްވަނަ ދުވަހެވެ. ކޮންމެއަކަސް ދިވެހިން މި ކަލަންޑަރެއް ނުދަނެއެވެ. ދިވެހިން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތީއްސުރެ ތަބާވަމުން އައީ ހިޖުރީ ކަލަންޑަރަށެވެ. ހިޖުރީ ކަލަންޑަރުގެ އަސާސަކީ ހަނދެވެ. ދިވެހިރާއްޖެ އިސްލާމްވީ ހިޖުރީގޮތުން 548 ވަނަ އަހަރުއެވެ. އެއީ މީލާދީގޮތުން 1153 އެވެ. އިސްލާމްވީއްސުރެ ހިޖުރީގޮތުން 830 އަހަރުވަންދެން އަދި މީލާދީގޮތުން 805 އަހަރު ވަންދެން ރާއްޖޭގެ ރަސްމީ ތާރީޚަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ހަމައެކަނި ހިޖުރީ ތާރީޚެވެ. ދިވެހި ތާރީޚުގެ ކުރީޒަމާނުގެ ބާބުތަކުގައި މީލާދީ ކަލަންޑަރަށް ރިއާޔަތް ކުރެވިފައި ނުހުންނަނީ އެހެންވެއެވެ.
ކޮންމެ ކަމަކަށްވެސް ސަބަބުތަކެއް ހުންނާނެއެވެ. ހިޖުރީ ކަލަންޑަރަށް އެހާބޮޑަށް ތަބާވެގެން ތިއްބައި އެހެން ކަލަންޑަރަކަށްވެސް އަހުލުވެރިވާން ޖެހުމުގައި ސަބަބުތަކެއް ހުންނާނެއެވެ. އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އޮޔާއި ވަޔަށް ތަބާވާން ޖެހުމެވެ. ޒަމާނީ އޮއިވަރު ރާއްޖޭގެ ގޮނޑުދޮށްތަކާ ހަމައަށްވެސް ފޯރުމެވެ. ބޭރު ކަރަކަރައިން އިލްމު އުނގެނެން ފެށުމެވެ. ބާރުގަދަ ދައުލަތެެއްގެ ހިމާޔަތުގެ ދަށުގައި އޮންނަންޖެހި އެ ދައުލަތުގެ އެންގުންތަކަށް ތަބާވާން ޖެހުމެވެ. އަދިވެސް ބައިވަރު ސަބަބުތަކެވެ. މިދެންނެވި ސަބަބުތަކާހެދި އަދި އިނގިރޭސި ތައުލީމު ތައާރަފުކުރަން ޖެހުމާވެސްއެކު ގައުމުގެ ކަންކަން އިސްލާހު ކުރުމުގެ ވަރުގަދަ އޮއިވަރެެއްގެ ތެރެއިން ދިވެހިރާއްޖޭގެ ރަސްމީ ތާރީޚެއް ކަމުގައި މީލާދީ ތާރީޚު ހަމަޖެހިގެން ދިޔައީ 1 ޖެނުއަރީ 1958 ގައެވެ. ރަސްމީގޮތުން މީލާދީ ތާރީޚު ބަލައިގަތަސް ދައުލަތުގެ ލިޔުންތަކުގައި ހިޖުރީ ތާރީޚުވެސް އައީ ޖަހަމުންނެވެ. އެބަދަލު ގެންނެވީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެކަމަށް މިއަދު މިފުރުނީ 67 އަހަރެވެ.
މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރަށް އެކުއެކީގައި ތަބާވަމުންއައިސް ވިޔަފާރީގެ ކަންކަމުގައި ހިޖުރީ ކަލަންޑަރަށް ޖާގަލިބުން ހުއްޓި މިހާރު މިފެންނަނީ މުޅިން ކަހަލަ ގޮތަކަށް ހިޖުރީ ކަލަންޑަރު އެކަހެރި ކުރެވިފައިވާ މަންޒަރެވެ. ދައުލަތުގެ ރަސްމީ ގިނަ ލިޔުންތަކުންވެސް ހިޖުރީ ތާރީޚެއް މިހާރު ނުފެނެއެވެ. މިހެން ދެންނެވި ކަމަށްވިޔަސް މުސްލިމުންކަމަށްވާތީ ހިޖުރީ ކަލަންޑަރާއި ނުލައި ނުކުރެވޭ ކަންކަން އެބަހުރެއެވެ. ރޯދައާއި ހައްޖެވެ. އީދެވެ. ގައުމީދުވަހާއި ރާއްޖެ އިސްލާމްވީ ދުވަހެވެ. ޝަހީދުންގެ ދުވަހާއި ހިޖުރީ އައު އަހަރު ފެށޭ ދުވަހެވެ. އެހެންވީމާ މިދެންނެވި ދުވަސްތަކާއި ކަންކަމަށްޓަކައި ހިޖުރީ ކަލަންޑަރު ދިރިއެބައޮތެވެ. ދެވަނަ ދަރަޖައިގައެވެ. ހިޖުރީ އައު އަހަރު ފެށޭ ދުވަހަށްވުރެ ގިނަ ދިވެހިން ފޯރި ހުންނަކަމަށް ފެންނަނީ މީލާދީ އައު އަހަރު ފެށޭ ދުވަހަށެވެ. ހަވާއެރުވުމާއި ޑްރޯން އުދުއްސުމާއި މިހެންގޮސް ކުޅިވަރުގެ އިހުތިފާލުތައް ގިނައީ މީލާދީ އައު އަހަރުގެ ފެށުން ފާހަގަ ކުރުމަށެވެ.
ހިޖުރީ ކަލަންޑަރުން ވަކި ދުވަހެެއް އިޚުތިޔާރުކޮށްގެން ކަމެއް ރާވައިގެން ކުރުމުގެ އާދައެއް މިހާރަކު ނެތެވެ. މީހަކާ އިނަސް އަދި އެހެންކަމެއް ކުރިއަސް ރިވެތި ޗާލު ދުވަހަކަށް ވަނީ މީލާދީ ކަލަންޑަރުން ކޮންމެވެސް ދުވަހެކެވެ. ހަމައެކަނި އާއްމުންނެއް ނޫނެވެ. ދައުލަތުގެ ރަސްމީ އިދާރާތަކުންވެސްމެއެވެ. މީގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް ކުރެވިފައިވާ މުހިންމު ބައެއް ކަންކަމުގެ ލިސްޓެކެވެ. ދިވެހިރާއްޖޭގެ ރަސްމީ ގަޑި ނުވަތަ ސްޓެންޑަރޑް ޓައިމް ހުންނަންވާނީ ޖީއެމްޓީއަށްވުރެ ފަސްގަޑި އަވަސްކޮށްކަމުގައި ސަރުކާރުން ކަނޑައަޅައި އެގޮތަށް އަމަލުކުރަންފެށީ 1960 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެންވީމާ މިހާރުގެ ގޮތަށް ދިވެހިރާއްޖޭގެ ގަޑި ހަމަކުރެވުނުތާވެސް މިއަދަށް 65 އަހަރުވީއެވެ. ދައުލަތުގެ އެންމެހައި މުވައްޒަފުންނަށް ފައިސާއިން މުސާރަދޭން ފެށީވެސް 1 ޖެނުއަރީ 1959 ގައެވެ. އެކަމަށް މިއަދު މިފުރުނީ 66 އަހަރެވެ.
މިދެންނެވި ބަދަލުތައް މީލާދީ ކަލަންޑަރަށް ފައްތަވައިގެން މީލާދީ އަހަރެއްގެ ފެށުމާ ދިމާވާގޮތަށް ފެއްޓެވީ އިބްރާހިމް ނާސިރު ކަމަށްވިޔަސް އޭގެ ކުރިންވެސް މީލާދީ ކަލަންޑަރަށް ރިއާޔަތްކޮށްގެން ބައެއްކަހަލަ ކަންކަން ކުރުމުގެ އޮއިވަރެއް އޮތީ ފެށިފައެވެ. މިކަމެއް ތައާރަފު ކުރެއްވީ ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަތިރީގޭ މުހައްމަދު އަމީނެވެ. އޭނާގެ ޖުމްހޫރިއްޔާ އިއުލާން ކުރެވުނީ 1 ޖެނުއަރީ 1953 ގައެވެ. އެހެންވީމާ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަށް މިއަދު މިފުރުނީ 72 އަހަރެވެ. އެހިސާބުން އަދި ނުނިމެއެވެ. އިނގިރޭސިންގެ ފުށުން ބާރުލިބިގެން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ސުވާދީބު ޖުމްހޫރިއްޔާގެ ނަމުގައި ވަކި ޖުމްހޫރިއްޔާއެއް އައްޑޫ ހިތަދޫ އަބްދު ﷲ އަފީފުދީދީ އިއުލާން ކުރެެއްވީވެސް މީލާދީ ކަލަންޑަރަށް ބައްލަވައިގެން 1 ޖެނުއަރީ 1959 ގައެވެ. އެހެންވީމާ ސުވާދީބުގެ މިދެންނެވި ހަރަކާތަށްވެސް މިއަދު މިފުރުނީ 66 އަހަރެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް