ވަން މީޑިއާ ގުރޫޕަށް ހަ އަހަރު ފުރި މިހާރު ގުނަމުން މި އަންނަނީ ހަތްވަނަ އަހަރުގެ ދުވަސްތަކެވެ. އެންމެ ދެ ނޫސްވެރީންނާއެކު 2018 ވަނަ ފެށި މި ދަތުރަށް ފަސް އަހަރު ފުރުނުއިރު، "ވަން" އަކީ އިތުބާރު ހިފޭ ނަމަކަށް ހެދުމަށް "ޓީމް" ވަން އިން ވަނީ ގޮންޖެހުން ބޮޑު، ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިއަދު "ވަން"ގެ ނަން ވަނީ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކުގެ ލިސްޓުގައި ހިމެނިފައެވެ. އިތުބާރު ހިފޭ ނޫހަކަށް ވެފައެވެ. މިއަދުގެ "ވަން" އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން، އެންމެ މަގުބޫލު އެއް ނޫހެވެ. ހުރިހާ ވައްތަރެއްގެ ކޮންޓެންޓް ގެނެސްދޭ ނޫހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ ދިވެހިރާއްޖޭގެ މުހިންމު ހުރިހައި އިވެންޓްތަކެއް "ވަން"ގެ ނޫސްވެރީން އަންނަނީ ކިޔުންތެރީންނާ ހަމަޔަށް ގެނެސްދެމުންނެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި، "ވަން" ގެ ނިއުސްޓީމުން އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ އެންމެ އަވަހަށް، އެހެން ނަމަވެސް އިތުބާރާއެކު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށެވެ. ހަބަރާއި މައުލޫމާތުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެރީންގެ އިތުބާރު ދެމެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމުގައި ބަލައިގެންނެވެ. އަވަހަށް ޚަބަރުތައް ބްރޭކް ކޮށްލިމުގެ ނިޔަތުގައި، ކޮލިޓީ ގުރުބާންކޮށްފައެއް ނުވާނެއެވެ. ޔަގީން ނުވާ ޚަބަރެއް ޝާއިއުކޮށްފައެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، "ވަން"ގައި ޝާއިއުކުރެވޭ ހަބަރަކީ، އޭގެ ސައްހަކަމާމެދު ކިޔުންތެރީން ސުވާލު ނުއުފައްދާ ކޮންޓެންޓްކަމުގެ ޔަގީންކަން ވަނީ ހޯދައިދެވިފައެވެ. އެ އިތުބާރު ދެމެހެއްޓުމުގެ މަސައްކަތަކީ މިއަދު "ވަން"ގެ އެޑިޓޯރިއަލް ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން އަދާކުރަމުން އަންނަ ޒިންމާއެވެ.
2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށިގެން އައީ ހަމައެކަނި ދިވެހި ބަހުން ނެރޭ ކުޑަކުޑަ އޮންލައިން ނޫހެއްގެ ގޮތުގައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ނޫހެއްގެ ގޮތުގައި އެ އެޑިޝަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބެލެނިވެރި ކުންފުންޏެއްގެ ގޮތުގައި، 2019 ވަނަ އަހަރު "ވަން މީޑިއާ ގުރޫޕް" ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ވަން އިނަޓްނޭޝަނަލް އާއި ވަން އޮންލައިންގެ ދިވެހި އެޑިޝަން މިހާރު ހިންގަމުން އަންނަނީ "ވަން މީޑިއާ ގުރޫޕް" ކުޑައިގެ ދަށުންނެވެ.
ކިޔުންތެރީންގެ މެދުގައި މަގުބޫލު އަދި އިތުބާރު ހިފޭ މީޑިއާއެއްގެ ގޮތުގައި "ވަން" ދެމެހެއްޓުމަށް، މިދިޔަ ހަ އަހަރު ދުވަހު، މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ވަންގެ ޓީމުން ވަނީ ކޮށްފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވިފައި ވެއެވެ.
"ވަން"ގެ ފޭސްބުކް، އެކްސް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކިޔުންތެރީންނާ ގާތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިސްކަން ދެވުނެވެ. މި މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ތައާރަފު ކުރި "ވަން"ގެ ވައިބާ އަދި ޓެލްގްރާމް ކޮމިއުނިޓީ ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ދެ ގްރޫޕް މެދުވެރިކޮށް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރީންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
"ވަން"ގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަބަދުވެސް އަދާކުރަނީ "ޓީމް ވަން"ގެ ހީވާގި މުވައްޒަފުންނެވެ. މިވަގުތު ޓީމް "ވަން" ގެ އެކި ޑިޕާޓްމަންޓުތަކުގައި ވިއްސަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، އެ މުވައްޒަފުންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ހައްގު ޝުކުރު އަދާކުރަމެވެ. އެއީ ވަންގެ އެންމެ ބޮޑު ރައުސްމާލެވެ.
ފުލްޓައިމް މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު މަގުބޫލު، ޢިލްމީ ލިޔުންތެރީންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި އިސްލާމީ ތާރީޚުގެ ވާހަކަތަކަކީ، ކިޔުންތެރީންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު، ފުންނާބު އުސް ލިޔުންތެރިޔާ، އިމާދު ލަތީފް ގެންދަވަނީ ފުލްޓައިމްކޮށް ވަން ގައި މަސައްކަތްކުރައްވަމުންނެވެ. އިމާދު ގެނެސްދެއްވާ އަދުގެ ދުނިޔޭގެ ހަބަރުތަކާއި ދިވެހި ތާރީހު އަދި ބޭރު ކުޅިވަރުގެ ދިރާސާ ރިޕޯޓުތަކަށް ކިޔުންތެރީން ދޭ ސަމާލުކަން ބޮޑެވެ. ދީނީ އިލްމުވެރިޔާ ޑރ. މޫސާ އަންވަރު ހަސަން އާއި ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހުގެ ލިޔުންތަކަކީ ވެސް އެ ބޭފުޅުންގެ ދާއިރާއިން ރާއްޖޭގައި ޝާއިއު ކުރެވޭ އެންމެ އިލްމީ ލިޔުއްވުންތަކެވެ. ހަމަ އެހެންމެ ގާނޫނީ، އަދި އިސްލާމީ ތާރީހުގެ މަޝްހޫރު ލިޔުންތެރިޔާ. އަލް އުސްތާޛް އަހުމަދު މާޖިދުވެސް މިހާރު ލިޔުއްވަމުން ގެންދަވަނީ "ވަން" އަށެވެ. މާޖިދުގެ ރިޕޯޓު އަދި މަޒުމޫނު ތަކަކީވެސް އިލްމީ ގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ލިޔުއްވުންތަކެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް 2024 ވަނަ އަހަރުވެސް "ވަން"ގެ ނޫސްވެރީން ވަނީ އެކި ހާދިސާތަކާއި ބޮޑެތި އިވެންޓުތަކުގެ ފުރިހަމަ ކަވަރޭޖުތައް ގެނެސްދީފައެވެ. އެގޮތުން އެންމެ ބޮޑު ކަވަރޭޖެއްގެ ގޮތުގައި 2024ގައި ގެނެސްދީފައިވާ ކަވަރޭޖަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގެ ކެމްޕޭނުން ފެށިގެން ވޯޓުގެ ދުވަހުގައި ވެސް ފުރިހަމަ ކަވަރޭޖެއް ވަނީ ގެނެސްދީފައެވެ. އަދި ވަގުތުން ނަތީޖާތައް ގެނެސްދިނުމަށް ވެސް ވަކި ޕޭޖެއް ލޯންޗުކުރެވިގެން ދިޔައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ކުޅިވަރު ޑިޕާޓްމަންޓުން ވަނީ 2024 ވަނަ އަހަރު ވެސް ތަފާތު ދައްކައިފައެވެ. އެގޮތުން ޔޫރޯ 2024 ގެ ކަވަރޭޖާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަދި ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެ ވަރަށް ފުރިހަމަ ކަވަރޭޖެއް ވަނީ ގެނެސްދީފައެވެ.
ޔޫރޯ 2024 އަށް ބަލައިލާ އިރު، "ވަން" އިން ވަނީ އެ މުބާރާތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ގައިޑެއް ނެރެފައެވެ. ޔޫރޯގެ ހުރިހާ މައުލޫމާތެއް އެކުލެވޭ އެ ގައިޑަށް ކިޔުންތެރީންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
2024 ވަނަ އަހަރު ނިމިގެންދާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރު ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި ދެ އެވޯޑަށް "ވަން" ނޮމިނޭޓުވެފައިވެ އެވެ. އެއީ 2023 ވަނަ އަހަރުގެ އެންމެ މޮޅު ކަވަރޭޖާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑެވެ. ހަމަ އެހެންމެ އެންމެ މޮޅު ތަހުގީގީ ނޫސްވެރިކަމުގެ ކެޓަގަރީންވެސް ވަން ވަނީ ނޮމިނޭޓް ވެފައެވެ.
- ގޯލްޑަން ފުޓްސަލް ޗެލެންޖް 2024
- ވިސިޓް މޯލްޑިވްސް ޕްރޯ 2024
- ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖް 2024
- ލީޑް ވެޓެރަންސް މުބާރާތް 2024
"ވަން" ގެ ލޮބުވެތި ކިޔުންތެރީންނާއި ޕާޓްނަރުން "ވަން" އަށް ދެއްވާ ލޯތްބާއި އިތުބާރާއެކީ 2025 ވަނަ އަހަރުގެ ދަތުރު "ވަން" އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އިތުރު މަސައްކަތްތަކެއް ތައާރަފުކޮށް 2024 ވަނަ އަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގައެވެ. "ވަން" އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ. ހުރިހާ ބޭފުޅުންނަށް ވެސް އާހަރުގެ ތަހުނިޔާއެވެ.
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް