ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި ކުރިއަރައިގެން ދިއުމަށް ދިވެހި ވިޔަފާރިވެރިން މަޑަކުން ނުތިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާކަން، ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައިވެރިވެރިވެވަޑައިގަތް އޮންލައިން ރަސްމިއްޔާތެއްގައި ވަނީ އިއުލާންކޮށްފައެވެ. އެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 1972 ގައި ފެށި ވަރަށް އާދައިގެ ޓުއަރިޒަމަކީ ދިވެހި ވިޔަފާރިވެރިންގެ ވަރަށް ރަނގަޅު މިސާލެއް ކަމަށާއި މިއަދު ދުނިޔޭގައި އަތްފުނާ އަޅައިގެން ވެސް، އަދި ދުނިޔޭގައި ބޮޑުވާ ބިއްލޫރި ކައިރިކޮށްގެން ބެލިޔަސް ރާއްޖެއަށްވުރެ ލަގްޒަރީ، ޕްރީމިއަމް، ފެޝަނަބަލް ޓުއަރިޒަމް އިންޑަސްޓްރީއެއް ދުނިޔެއަކު ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، ކަށަވަރު މިހެން ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ރާއްޖޭގެ ވިޔަފާރިވެރިން މަޑަކުން ނުތިބޭނެކަން، ކުރިއަރައިދާން އެތައް މަސައްކަތެއް ކުރާނެ. އެބޭފުޅުންގެ ހުންނާނެ ހިޔާލުފުޅުތައް. އެބޭފުޅުންގެ ހުންނާނެ ސަރުކާރަށް ވެސް ދޭން ބޭނުންވާ ލަފާތައް، އެބޭފުޅުންގެ ހުންނާނެ ވަރަށް ތަނަވަސް ވިސްނުންތައް،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާ ފުރުސަތަކީ ފަސް އެނބުރި ބަލައި، މިކަން ފާހަގަކުރާ ވަރުގެ ބޮޑު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ފުރިހަމަ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެން އެދާ ދިއުމުގައި އެންމެ ބޮޑު ފުރުސަތެއް ލިބިގެން މިދަނީ ރާއްޖެއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ދިޔައީ މި އެފްޓީއޭ ތަންފީޒުވެގެން، 1 ޖެނުއަރީ 2025 އިން ފެށިގެން. މީގެ ދެތިން ދުވަސް ފަހުން މި އެއްބަސްވުން ތަންފީޒުވާން ފަށާނެ. އައިޓަމްސްގެ ޓެރިފް އެއްކޮށް ކެނޑިގެންދާނެ 70 ޕަސަންޓް ގާތްގަނޑަކަށް. އޭގެ ތެރޭގައި ޗައިނާއަށް އެކްސްޕޯޓްކުރާ އައިޓަމްތަކުގެ ތެރޭގައި 95 ޕަސަންޓުގެ އައިޓަމުން ސުން ޕަސަންޓުގައި އެކްސްޕޯޓުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ އެއާއެކުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އިތުރު 20 ޕަސަންޓާއެކު 90 ޕަސަންޓާ ހަމައަށް ރާއްޖެއަށް އެތެރެކުރާ ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ މައާފުވެގެންދާނެ ކަމަށާއި އެހެންވީމާ ރާއްޖޭގެ މި ދިގު ތާރީހުގައި ދުވަހަކުވެސް ރާއްޖެއަށް ނުލިބޭ ފަދަ ވިޔަފާރީގެ ކުރިއެރުން ލިބޭނެ ފަދަ ފުރުސަތެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.