ބައިނަލްއަގުވާމީ ކުޅިވަރުގައިވެސް 2024 ވެގެން ގޮސްފައިވަނީ ހަލަބޮލި އަހަރަކަށެވެ. ކުޅިވަރުގެ ބޮޑެތި އިވެންޓްތައްވެސް ގިނަ އަހަރަކަށެވެ. ހާއްސަކޮށް ކުޅިވަރުގައި އަނެއްކާވެސް ބަހުސްތައް ގިނަ، ހައިޖާނުވެސް ބޮޑު އަހަރަކަށެވެ. ފުޓުބޯޅައިން ފެށިގެން ގޮސް، ޓެނިހުގެ އިތުރުން އެހެން ބައެއް ކުޅިވަރުތަކުގެ މުހިއްމު މޫނުތައްވެސް މައިދާނުން ގެއްލުނުވެސް އަހަރަކަށެވެ. ފްރޭކް ބެކަންބާއޫ ފަދަ ލެޖެންޑުން ދުނިޔެއާ ވަކިވުމުގެ ހިތާމައާއެކު އަލްވަދާއުތައްވެސް ގިނަ އަހަރަކަށެވެ.

އެއާއެކު ކުޅިވަރުގެ އެންމެ ބޮޑު އީދު އޮލިމްޕިކާއި ބައްރުތަކުގެ ރަސްކަމަށް ގައުމުތަކުން ވަރުގަދަ މުބާރާތްތަކުގައި ވާދަކުރި އަހަރަކަށްވެސް 2024 ގުނާލެވިދާނެއެވެ. ޔޫރަޕްގެ ރަސްކަމަށް ސްޕެއިން އައި އައުން ވެގެންދަނީ ތާރީހީ ވަގުތުކޮޅަކަށެވެ. އެއާއެކު ލިއޮނަލް މެސީގެ އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާވެސް ދިފާއު ކޮށްފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އަހަރު ނިމިގެން ދަނީ ކުޅިވަރުގެ އާ ދެބަސްވުންތަކަކާއި، އާ ޑްރާމާތަކެއްގެ ތެރޭގައި އޮއްވައެވެ. އަހަރުގެ އުސްއަލިތައް މުހިއްމުވާ ސަބަބަކީ އެއީއެވެ.

އާދައިގެ މަތިން ދިވެހީން އެންމެ ބޮޑަށް 2024 ވަނަ އަހަރުވެސް ސަމާލުކަން ދިން ބައިނަލްއަގުވާމީ ކުޅިވަރަކީ ފުޓުބޯޅައެކެވެ. އަހަރުގެ ކުރީކޮޅުގައި ލެޖެންޑަރީ ކޯޗު ޔާގަން ކްލޮޕް ލިވަޕޫލް ދޫކޮށްލަން އިއުލާނުކޮށް، ސީޒަން ނިމުމުން އެ އަލްވަދާއު ފެނިގެން ގޮސްފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑްގެ ވެރިކަމަށްވެސް ފެބްރުއަރީ މަސް ތެރޭގައި އައެވެ. އެ ބަދަލާއެކު ކްލަބު ރަނގަޅުވާނެ ކަމަށް އުންމީދު ކޮށްގެން ތިއްބާ އަހަރު ނިމިގެން މިދަނީ މާ ބޮޑު ތަފާތެއް ނުފެނިއެވެ. މިހާރު އާ ކޯޗަކީ ރުބެން އަމޯރިމް އެވެ.

އިނގިރޭސި ލީގު ކަޕާއެކު ލިވަޕޫލުން ސީޒަން ނިންމާލި އިރު، ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދީ ސިޓީއެވެ. އެއީ ޕްރިމިއާ ލީގު ތާރީހުގައި ރެކޯޑެކެވެ. އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑުން ސިޓީ ބަލިކުރި އިރު، ޔޫރަޕްގެ ކްލަބު ފުޓުބޯޅައިގެ ރަސްކަމުގައި ރެއާލް މެޑްރިޑް ބޮޅެއް އިތުރު ބޮޅެއް ކުރިއެވެ. ލަ ލީގާވެސް ރެއާލުން ކާމިޔާބުކުރި އިރު، ރެއާލުން ވަނީ ސީޒަން ނިމުމާއެކު ޔޫރޯގެ ކުރިން ކިލިއަން އެމްބާޕޭގެ ޓްރާންސްފާ އިއުލާނުކޮށްފައެވެ. އެއީ ޔަގީނުންވެސް އަހަރުގެ އެންމެ ބޮޑު އެއް އުސްއައްޔެވެ.

ކްލަބު ފުޓުބޯޅަ ސީޒަނަށްފަހު ދެން އައި ޖުލައި މަހަކީ ޔޫރޯގެ މަހެވެ. ދިވެހީންވެސް ބޮޑެތި ސްކްރީންތަކުގައި ޔޫރޯ ބެލިއެވެ. ފޯރިއާ ޖޯޝުގައެވެ. ނޫސްތަކުން ހާއްސަ ކަވަރޭޖުތައް ގެނެސްދީފައިވާ އިރު، ބޮޑު އީދާ ދިމާވި ނަމަވެސް ޔޫރޯގެ ފޯރި ކުޑައެއް ނޫނެވެ.

ޔޫރޯ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނުކުތް އިރު، އިންގްލެންޑުން ވިސްނީ 1966 ވަނަ އަހަރު ފުރަތަމަ ތަށްޓެއް ހޯދުމަށް ނަމަވެސް، ޖަރުމަނުގައި ކުޅުނު މުބާރާތް ކާމިޔާބުކުރީ ސްޕެއިނެވެ. އެ ކާމިޔާބީއާއެކު ސްޕެއިންވެފައި ވަނީ ޔޫރޯ ތަށި އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ. އޭގެފަހުން އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓްގެ ރަން މެޑަލްވެސް ހޯދީ ސްޕެއިނެވެ.

މުބާރާތުގެ ތަށި ސްޕެއިން ހޯދި އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ރޮޑްރީ އެވެ. އެ މުބާރާތަށްފަހު ޖަރުމަނުގެ ލެޖެންޑް ޓޯނީ ކްރޫސް ފުޓުބޯޅައާ ވަކިވާން ނިންމި ނިންމުންވީ ފާހަގަކޮށްލެވުނު ނިންމުމަކަށެވެ. އޭގެ އިތުރުން ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭއާއި ޖަރުމަނުގެ އިލްކާއީ ގުންޑޮގަން އަދި ކީޕަރު މެނުއަލް ނޯޔާވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައިވެއެވެ.

ޔޫރޯއާ އެކުއެކީގައި ކޮޕާ އެމެރިކާގެ ފޯރިވެސް ވައިގައި ހިފާފައިވެއެވެ. މިފަހަރުވެސް ކޮޕާ އެމެރިކާ މެސީގެ އާޖެންޓީނާއިން ކާމިޔާބުކުރި އިރު، މުބާރާތް ނިމިގެން ދިޔައީ ހޯސްޓް އެމެރިކާގެ ދޯހަޅި އިންތިޒާމަށް ފާޑު ކިޔުންތަކާއެކުގައެވެ. ވޯލްޑް ކަޕް 2026 ހޯސްޓް ކުރާ އެމެރިކާގައި ކުޅުނު ކޮޕާ އެމެރިކާ ފައިނަލުގެ ކުރިންވެސް ހަމަ ނުޖެހުންތައް ހިނގައި، މެޗުގެ ފެށުން ފަސްކުރަންވެސް ޖެހިފައިވެއެވެ.

ކޮޕާ އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ލައުޓާރޯ މާޓިނޭޒް ހޮވުނު އިރު، އޭނާވަނީ އިންޓަ މިލާނާއެކު 20 ވަނަ ފަހަރަށް ލީގުވެސް ނަގައިފައެވެ.

ޖަރުމަނު ލީގު މެޗަކުން ބަލިނުވެ ޒަބީ އެލޯންސޯގެ ބަޔާން ލެވަކޫސަން ނެގި އިރު، ކަޕްވެސް ނެގީ އެޓީމުންނެވެ. ޔޫރޯ ފައިނަލުގައި ލެވަކޫސަން ބަލިވީ އެޓަލާންޓާ އަތުންނެވެ.

ފުޓުބޯޅައިގެ އިތުރު ވާހަކަތަށް ބަލާ އިރު، ފީފާ ކްލަބު ވޯލްޑް ކަޕް ރަސްމީކޮށް އިއުލާނުކޮށް، 2025 ވަނަ އަހަރު މުޅިން އާ ފޯމެޓަކަށް މުބާރާތް ބާއްވަން އޮތީ ތައްޔާރުވެފައެވެ. އޭގެ އިތުރުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މޮރޮކޯއާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްގައި ހޯސްޓް ކުރަން ރަސްމީކޮށް ފީފާއިން އިއުލާނުކޮށްފައިވާ އިރު، ބަހުސެއްގެ ތެރެއިން 2034 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓް ކުރަން ސައުދީ އަރަބީއަށްވެސް ފީފާއިން ވަނީ ރަސްމީކޮށް ފުރުސަތު ދީފައެވެ.

ފްރާންސް ފުޓުބޯޅައިން ދޭ ބެލޮންޑިއޯ ސްޕެއިންގެ ރޮޑްރީއަށް ލިބުމަކީ އަހަރު ތެރޭގައި ފެނިގެން ދިޔަ ފުޓުބޯޅައިގެ އެންމެ ބޮޑު ބަހުސެވެ. އެ އެވޯޑު ހައްގުވަނީ ރެއާލްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާއަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް އެ މައްސަލައިގައި ރެއާލުން ވަނީ ބެލޮންޑިއޯ ހަފުލާ ބޮއިކޮޓްވެސް ކޮށްފައެވެ.

ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓުގައި މިފަހަރު މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުންވެސް ފާހަގަކޮށްލެވުނީ އާ ޖީލެއްގެ ފެށުމަށް ވަގުތު އައިސް ޖެހިއްޖެ ކަމެވެ. އެ އެވޯޑު ހަފުލާއަށްފަހު ބޭއްވި ފީފާ އެވޯޑު ހަފުލާގައި އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކީ ވިނީޝިއަސް އެވެ. އެ ދެހަފުލާގައިވެސް އަންހެން އެންމެ މޮޅު ކުޅުންތެރިޔަކީ ސްޕެއިންގެ އައިޓާނާ ބޮންމަޓީ އެވެ.

ފުޓުބޯޅައިގައިވެސް ޖެހިފައި އޮތް އެންމެ ބޮޑު ލައްގަނޑަކީ ލާ އިންސާނީ އިޒްރޭލެވެ. އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ލާ އިންސާނީ އެތައް ހަމަލާއެއްގައި މައުސޫމު ތުއްތު ކުދީންނާއި އާއްމުން މަރަމުން ދިޔަ ނަމަވެސް، އެގައުމަށް ފީފާއިން ފިޔަވަޅު އަޅާފައެއް ނުވެއެވެ. ފަލަސްތީނުން އެކަމަށް އެދި މައްސަލަވެސް ހުށަހެޅިއެވެ. އަދިވެސް އެކަން އޮތީ ދިގުލައިގެން ގޮސްފައެވެ.

ދެހާސް ސައުވީހުގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަކަށް ވާނީ ޔަގީނުންވެސް އޮލިމްޕިކްސް އެވެ. ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިނަ އުފުލާލީ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ޝަރަފު ހޯދި ފުރަތަމަ ދިވެހި އެތުލީޓް، އުމުރުން އެންމެ 16ގެ ފާތިމަތު ދީމާ އަލީއާއި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ. އޭގެ އިތުރުން ދެން އޮލިމްޕިކްސްގައި ވާދަކުރީ މުހައްމަދު އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގެވެ.

ޕެރަ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރީ ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދެވެ.

ޕެރިހުގެ އެންމެ ތާރީހީ ކޯރު، ސެންގައި އެތުލީޓުންނާއި ޑެލިގޭޓުންގެ ޕެރޭޑް ރޭ ބާއްވާފައިވާ އިރު، މިއީ އޮލިމްޕިކްސް ހުޅުވުމުގެ ޕެރޭޑެއް ސްޓޭޑިއަމުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. ޕެރިހުގެ އެ ޕްލޭނަށް ފާޑުކިޔުންތައް އައި ނަމަވެސް، އެ ގައުމުން ފެށީ ތަފާތު މަންޒަރުތަކަކާއެކުގައެވެ.

ޕެރޭޑުގައި 205 ޑެލިގޭޝަނަކުން 6800 އެތުލީޓުން ބައިވެރިވެފައިވާއިރު، ސެން ކޯރުގައި ދުއްވާ ބޯޓުތަކުގައި އެތުލީޓުންނާއި އޮފިޝަލުން ދިޔައިރު، އަރިމަތިން ހުރި އިމާރާތްތަކާއި މަތިން އަޅާފައިވާ ފާލަންތަކުގައި އެކިއެކި ޕާފޮމަންސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އިވެންޓްގައި ފްރާންސްގެ މާހައުލާއި ސަގާފަތުގެ އިތުރުން ތާރީހާއި އެ ގައުމުގެ މަގުބޫލު އެތައް ހިދުމަތްތެރިންނެއްގެ ހަނދާން އާކޮށްދީފައިވެއެވެ. އަދި އެކިއެކި ޒަމާންތަކަށް ހާއްސަ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެއެވެ.

ޒައިނުއްދީން ޒިދާނާއި މަގުބޫލު އާޓިސްޓް ސްނޫޕް ޑޯގްގެ އިތުރުން ރަފޭލް ނަޑާލް ފަދަ އެތުލީޓުންގެ އަތުން ދަންމަރު ގެންގޮސް، އެންމެފަހުން ރޯކޮށްލާފައިވަނީ ހޮޓް އެއާ ބެލޫނެއްގައެވެ. އެ ޝަރަފު ހޯދީ ފްރާންސްގެ ޖޫޑޯ ލެޖެންޑް ޓެޑީ ރިނާއާއި ބާރު ދުވުންތެރިޔާ މޭރީ-ހޯސޭ ޕެރެކެވެ.

އޮލިމްޕިކްސްއަށް ވެސް އޮތީ ސިޔާސީ އަސަރު ކޮށްފައެވެ. އެގޮތުން އިޒްރޭލުގެ އެތުލީޓުންނަށް ފުރުސަތު ދިނުން އެއީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އޮލިމްޕިކްސްގައި 10،500 އެތުލީޓުން 32 ކުޅިވަރެއްގައި ވާދަކުރި އިރު، ފެށުމުގެ ރަސްމިއްޔާތުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރި ކުރުމަށްވެސް ފާޑު ކިޔުން އަމާޒުވިއެވެ.

އޮލިމްޕިކްސް ފެށިގެން ދެން ފެނުނީ ތާރީހީ ނަތީޖާތަކެކެވެ. ތާރީހީ މަންޒަރުތަކެކެވެ. ހާއްސަކޮށް ތާރީހީ ފޮޓޯތަކެކެވެ. އިޒްރޭލު އެތުލީޓަކާ ވާދަނުކުރަން އަލްޖީރިއާގެ ޖޫޑޯ އެތުލީޓް މެއްސޫދު ރެޒުއާން ޑްރިސް ނިންމި ނިންމުމަށް ތައުރީފު އަމާޒުވެފައިވާ އިރު، މިސްރުގެ ފެންސާ ނަދާ ހާފިޒް ބަނޑަށް ހަތް މަހުގައި ގަދަ 16 އަށް ކުރި ދަތުރުވެސް ފާހަގަކޮށްލެވުނެވެ. ފަހު 200 ވަރަކަށް މީޓަރުގައި ބާރު ދުވެލީގައި ދުވެ، ނެދަލޭންޑްސްގެ ދިގު ދުވުންތެރިޔާ ސިފާން ހަސަން އޮލިމްޕިކްސް ރެކޯޑު ވަގުތެއްގައި އަންހެން މެރަތަން ނިންމުންވެސް ވަނީ ތާރީހު ލިޔެލައިފައެވެ.

އޭގެ އިތުރުން އިޒްރޭލުގެ ފުޓުބޯޅަ މެޗެއްގައިވެސް އެގައުމުގެ ލާ އިންސާނީ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލާފައިވާ އިރު، އުމުރުން 51 އަހަރުގެ ތުރުކީ ޝޫޓަރު ޔޫސުފް ޑިކެޗަށް ސޯޝަލް މީޑިއާގެ ސަމާލުކަން ބޮޑުވިއެވެ. މާގިނަ ޓެކްނޮލޮޖީގެ ވަސީލަތްތަކެއް ބޭނުން ނުކޮށް، އޮލިމްޕިކްސްގެ ޝޫޓިން އިވެންޓަކުން ރިހި މެޑަލް އޭނާ ނެގީ ޖީބަށް އަތް ޖަހާލައިގެންނެވެ.

އޮލިމްޕިކްސް، ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗަށް ހާއްސަވެގެން ގޮސްފައިވާ އިރު، ކެރިއަރުގައި ނުހޯދި އޮތް ރަން މެޑަލް، އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު އޭނާ ހޯދިއެވެ. ކެރިއަރުގައި ރެކޯޑު 24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް އޮލިމްޕިކްސް ސިންގަލްސް ރަން މެޑަލް ހޯދީ 20 އަހަރުގެ އިންތިޒާރަކަށްފަހު، އުމުރުން 37 އަހަރުގައެވެ.

ޖިންސާމެދު ސުވާލުތަކެއް އުފައްދައި އޮލިމްޕިކްސްގެ އަންހެން ޑިވިޝަންގައި ވާދަ ކުނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އަލްޖީރިއާގެ އިމާނޭ ހަލިފް އެ ގައުމުގެ ތާރީހުގައި އަންހެން ބޮކްސިން އިން ފުރަތަމަ ރަން މެޑަލް ޔަގީން ކުރިއިރު، އިނގިރޭސި ޓެނިސް ތަރި އެންޑީ މުރޭގެ ޓެނިސް ކެރިއަރު ނިމުނީވެސް އޮލިމްޕިކްސްގަ އެވެ.

ކުރިން އޮލިމްޕިކްސްގެ ސިންގަލްސް ރަން މެޑަލް ދެ ފަހަރަށް ހޯދާފައިވާ މުރޭ އުމުރުން 37 އަހަރު ކެރިއަރު ނިންމާލީ 2012 ވަނަ އަހަރު ޔޫއެސް އޯޕަންއާއި 2013 އަދި 2016 ވަނަ އަހަރުގެ ވިމްބަލްޑަންވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭޓީޕީ 46 ތަށި މުރޭ ހޯދިއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ޑޭވިސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އޮލިމްޕިކްސްގެ އެންމެ ތާރީހީ ކާމިޔާބީއަކަށް މިފަހަރު ވީ ދުނިޔޭ ތާރީހުގައި އެންމެ ވާދަވެރިކޮށް ފެނުނު 100 މީޓަރު ރޭސް ކާމިޔާބުކޮށް، އެމެރިކާގެ ނޯއާ ލައިލްސް އޮލިމްޕިކްސް ރަން މެޑަލް ހޯދުމެވެ. ފައިނަލް ހީޓްގައި ދުވި 8 އެތުލީޓުންވެސް އެންމެ ފަހު މިލި ސިކުންތާ ޖެހެންދެން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެންމެ ފުރަތަމައަށް ނިންމި ލައިލްސް އާއި އެންމެފަހުން ނިންމި ދުވުންތެރިޔާއާ ދެމެދު ހުރި ވަގުތުގެ ތަފާތަކީ 0.12 ސިކުންތެވެ. އޭނާ ރަން މެޑަލް ހޯދީ 0.005 މިލި ސިކުންތުގެ ފަރަގަކުންނެވެ.

އޮލިމްޕިކްސްއަށްފަހު އަހަރުގެ ފަހުކޮޅަށް އައިސް، ނޮވެމްބަރު މަހު ތެރޭގައި ޓެނިސް ލެޖެންޑް ރަފޭލް ނަޑާލްވެސް ކޯޓު ދޫކޮށްލިއެވެ. ޖުމުލަ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 38 އަހަރުގެ ސްޕެއިން ތަރި ނަޑާލް ޕްރޮފެޝަނަލް ޓެނިސް ހުއްޓާލީ އަމިއްލަ ގައުމުގައި އޮތް ޑޭވިސް ކަޕަށްފަހުއެވެ. ނަޑާލް ކެރިއަރުގައި ޖުމުލަ 92 އޭޓީޕީ ޓައިޓަލް ހޯދާފައިވާ އިރު، އެންމެ ގިނަ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑު ވެސް އޮތީ އޭނާގެ އަތުގައެވެ. އެއީ 14 ތަށްޓާއެކުގައެވެ. ނަޑާލްއަކީ މިހާރު ވެސް ދެވަނައަކަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ފިރިހެން ކުޅުންތެރިޔާއެވެ.

ނިމިގެންދާ 2024 ވަނަ އަހަރަކީ އަސަރު ގަދަ، ތާރީހީ އަހަރަކަށް ކުޅިވަރުގައި ވެފައިވާ އިރު، އެއީ އިންޑިއާގެ ކްރިކެޓަށްވެސް ކާމިޔާބު އަހަރެކެވެ. ޓީ-20 ވޯލްޑް ކަޕްގެ ކާމިޔާބުކޮށް އުފާފާޅުކުރީ ވިރާތު ކޯލީގެ ތަފާތު މުބާރާތަކާއެކުގައެވެ. އޭގެ އިތުރުން ޑިސެމްބަރު ތެރޭގައި އުމުރުން އެންމެ 18 އަހަރުގެ އިންޑިއާގެ ޗެސް ތަރި، ގުކޭޝް ޑޮމަރާޖޫ ވަނީ ދުނިޔޭގެ ޗެސް ޗެމްޕިއަންކަން ހޯދައިފައެވެ.

އޭގެ އިތުރުންވެސް އެތައް ހަނދާންތަކަކާއެކު 2024 ގެ ކުޅިވަރު އަހަރު އަލްވަދާއު ކިޔާފައިވާ އިރު، 2025 ވެގެންދާނީވެސް ކުޅިވަރުގައި އިންގިލާބީ އަހަރަކަށެވެ. ދެން އޮތީ އާ ސިލްސިލާއަކަށް އިންތިޒާރުކުރުމެވެ.