ދެކުނު ކޮރެއާގައި މަތިންދާބޯޓެއް ވެއްޓި 85 މީހުން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިލެންޑުގެ ބެންކޮކުން ދެކުނު ކޮރެއާގެ މުއަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ޖެޖޫ އެއާގެ ފްލައިޓު ރަންވޭގައި ޖެއްސި ނަމަވެސް ފްލައިޓު ވަނީ މުއާން އެއާޕޯޓުގެ އިމާރާތަކާ މުޑިއަރައިފައެވެ.

އެ ފްލައިޓުން 175 ފަސިންޖަރުންނާއި ހަ ކުރޫ ދަތުރުކުރި އިރު، މިހާތަނަށް 85 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ސަލަމާތްވީ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ދެކުނު ކޮރެއާގެ ބައެއް ނޫސްތަކުން ވަނީ ފްލައިޓު ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި 181 މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ހާދިސާ ހިނގި ގޮތް ބެލުމަށް ތަހުގީގު ފަށާފައިވާ އިރު، ދެކުނު ކޮރެއާގެ ޓީވީ އަކަށް މައުލޫމާތު ދެމުން އެގައުމުގެ ފަޔާ ޑިޕާޓްމަންޓުން ވަނީ އެހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ފްލައިޓުގައި ދޫނިތަކެއް ޖެހިގެން ކަމަށާއި އެވަގުތަކީ މޫސުން ވެސް ގޯސް ވަގުތެއް ކަމަށެވެ.