އަބޫދާބީ ފަންޑުން ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން، ވެލާނާ އިންޓަނޭޝަނަ؛ލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިތުރު 40 މިލިއަން ޑޮލަރު، 616 މިލިއަން ރުފިޔާ ލޯނެއް ރާއްޖެއަށް ދީފިއެވެ.
އެ ލޯނުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުހައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވީ ރާއްޖެ އާއި އަބޫދާބީ ފަންޑުގެ ދެމެދުގައިވި މި އެއްބަސްވުމުން ހާމަކޮށްދެނީ ރަހުމަތްތެރި ގައުމުތަކުގައި އުމްރާނީ ތަރައްގީއަށް އަބޫދާބީ ފަންޑުން އަދާކުރަމުންދާ މުހިންމު ދައުރު ކަމަށެވެ. އޭނާ ވިދާޅުވީ އަބޫދާބީގެ ފަންޑުން ދިން މި އެހީގެ ސަބަބުން ވީއައިއޭއަށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ ވީއައިއޭ މަޝްރޫއާ އެކު، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން މަގުފަހިވެ، ޓޫރިޒަމުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ދެވިގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަބޫދާބީ ފަންޑުން މީގެ ކުރިން ވެސް ވަނީ އެއާޕޯޓް މަޝްރޫއު ނިންމަން 1.2 ބިލިއަން ރުފިޔާގެ އެހީއެއްދީފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ ވީއައިއޭގެ އާ ޓާމިނަލް މިއަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީން މިއަހަރުގެ ނޮވެމްބަރު 24 ގައި ބޭއްވި ބައްދަލުވުމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު