ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ވަގަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނުވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެކަން ކަށަވަރުކޮށްދިން ނަމަވެސް ހިފެހެއްޓީ ކިހާ އަދަދެއްގެ އެއްޗެއްސެއް ކަމެއް ހާމައެއް ނުކުރެއެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުން މިހާރު ސަސްޕެންޑް ކޮށްފައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުންނެވެ.
އެ މައްސަލަ ފެންމަތިވުމާއެކު ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުން ހާމަކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ތަފުސީލު ފުލުހުން ނުދިން ނަމަވެސް އެ މީހުންގެ ތެރޭގައި އެޗްޑީސީގެ ބައެއް ވެރީންގެ ޕާސްޕޯޓު ހިމެނޭކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ހަތަރު މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. އެއ އެ ކޮމިޓީގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށްފައި ހުންނަވަނިކޮށް މި މަހުގެ 22 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ދެ ދުވަހެއް ފަހުން މި މަހުގެ 24 ވަނަ ދުވަހު ފުލުހުން ވަނީ ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި ފަޒީލްގެ ފޯނު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު