އާ އަހަރާ ދިމާކޮށް ބަނގުރާ އަދި މަސްތުވާތަކެތި ވިއްކައި ބޭނުންކުރުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމެންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެ އޮޕަރޭޝަން އިއްޔެ ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓުތައް މޮނިޓާކޮށް، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ އާ އަހަރަކާ ދިމާކޮށް ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ކުރިއަށްގެންދެއެވެ. އެ އޮޕަރޭޝަންގެ ތެރެއިން މަގުމަތިން މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި އުޅަނދުތައް ބަލައި ފާސް ކުރުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންދެއެވެ.