ހަގީގަތަކީ މިއީ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅެއް ނޫނެވެ. ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވާލުމަށް ގޮވާލައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން ހިންގި އިންޑިއާ އައުޓް ކެމްޕެއިނާއި މި ސަރުކާރުން ވެރިކަމާ ހަވާލުވެ ޗައިނާ އާއެކު ގާތް ގުޅުންތަކެއް ބާއްވަން ފެށުމަކީ އޭގެ ބައެއް ސަބަބުތަކެވެ. ރާއްޖެއާ އެންމެ ގާތް އަވަށްޓެރިޔާ އާއެކު ހީނަރުވެފައި އޮތް އެ ގުޅުން އިތުރަށް ގޯސްވީ އިންޑިއާއިން ފެށި ބޮއިކޮޓް މޯލްޑިވްސް ކެމްޕެއިނުންނެވެ.

އެކަން ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ އިހުތިސޯސް ތެރޭގައި އޮންނަ ލަކްޝަދީޕުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ކުރެއްވި ޕޯސްޓްތަކަކާ އެކު ގުޅިގެންނެވެ. ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ފެށި ވަރުގަދަ އެ ކެމްޕެއިންގެ ތެރެއިން ލަކްޝަދީޕް ޕްރޮމޯޓް ކުރަން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންވެސް މަސައްކަތް ކުރި އެވެ.

އެ މައްސަލަ އިތުރަށް ގޯސްވީ އިންޑިއާގެ ރައްޔިތުންނާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ރައްދުކޮށް، ފުރައްސާރަ ކުރަން ދިވެހީން ނުކުތުމުންނެވެ. އެކަމުގައި އިސްކޮށް އުޅުނީ ސަރުކާރުގެ ބައެއް އެކްޓިވިސްޓުންނާއި އިސް މަގާމުތަކުގައި ތިބި ސިޔާސީ މީހުންނެވެ. އެ ހިސާބުން ދެ ގައުމުގެ ގުޅުން ސުލްހަކުރަން ނުކުންނަން ސަރުކާރަށް މަޖުބޫރުވި އެވެ. އަދި މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރި އެވެ.

އިންޑިއާއަކީ ރާއްޖެއަށް މި ފަހުގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އައި އެއް ގައުމެވެ. ފާއިތުވި ތިން އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަކީ އިންޑިއާ އެވެ. ނަމަވެސް ބޮއިކޮޓް މޯލްޑިވްސް ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރި އެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، މި އަހަރު އެ ގައުމުން ރާއްޖެ އައިސްފައިވަނީ 126،000 ފަތުރުވެރިންނެވެ. އިންޑިއާ މާކެޓް ވަނީ ހަ ވަނައަށް ވެއްޓިފަ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން ދެ ގައުމުގެ ގުޅުން އަނެއްކާވެސް ކުރިން އޮތް ވަރަށް ބަދަހިކުރުމަށް މަސައްކަތް ފެށި އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ފަހުން މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އިންޑިއާއަށް ފުރަތަމަ ދަތުރުފުޅެއް ކުރެއްވި އެވެ. އެއީ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ދެއްވި ހާއްސަ ދައުވަތަކަށެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އެ ފަހުންވެސް ރައީސް ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން އާ އުސްމިންތަކަކަށް ގެންދަވާނެ ކަމަށާއި ދެ ގައުމުގެ ރަހުމަތްތެރިކަމުން ރާއްޖެއާއި މުޅި ސަރަހައްދަށް ތަރައްގީ ގެނެވޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ރައީސް މުއިއްޒު އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ދަތުރުފުޅުގައި އެމްއެމްއޭ އާއި އިންޑިއާގެ ރިސާވް ބޭންކާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ހިމެނޭހެން ފަސް އެއްބަސްވުމެއްގައި ސޮއި އެޅި އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށަންވެސް ދެ ގައުމުގެ ވެރިން ނިންމެވި އެވެ.

އެ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، މޯދީ ރާއްޖެ ވަޑައިގަތުމަށްވެސް ދައުވަތު ދެއްވައިފަ އެވެ. އަދި އެ ދައުވަތު މޯދީ ވަނީ ގަބޫލުފުޅުވެސް ކުރައްވައިފަ އެވެ. ނަމަވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.