ދެކުނު އޭޝިއާގެ ސަރަހައްދުގެ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް އެވޯޑް، "ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް 2024" ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެއެވެ.

އެ އެވޯޑް ދިނުމަށް އިންޑިއާގެ ނިއު ދިއްލީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފުލާގައި އެމްޕީއެލްއަށް ލިބިފައިވަނީ "އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ. މިއީ އެމްޕީއެލްއަށް "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްޕީއެލް އިން ބުނީ، އެ ކުންފުންޏަށް "އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެވޯޑް" ލިބުނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގާއިރު އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައްވެސް ހިންގާ ކަމަށް ބުންޏެވެ.

"އިނޮވޭޓިވްބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑް އެމްޕީއެލްއަށް ލިބުނީ އެ ކުންފުނިން ބުނާ ގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް އެ ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސ-ީޓު-އެއާ ކާގޯގެ ހިދުމަތް ފެށުމާއި އުތުރު މެރިޓައިމް ސާވިސްގެ ހިދުމަތް ތައާރަފުކުރުން ހިމެނޭ ކަމަށް ބުންޏެވެ.

މި އަހަރުގެ ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑުގައި ތަފާތު 17 ދާއިރާއަކުން އެވޯޑް ދީފައިވެއެވެ.