ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ ސްކީމާ ގުޅޭ ގޮތުން އެއްވެސް ބައެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، ހުށަހެޅުމަށްޓަކައި ފުލުހުންގެ ހާއްސަ ޕޯޓަލެއް މިރޭ ގާއިމްކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ހިއްސާކުރުން އެދޭ ކަމަށެވެ.
ފުލުހުން ބުނީ، މައުލޫމާތާއި ހެކި ހިއްސާކުރާ އިރު ކާކުކަން ނޭނގޭ ގޮތަށް ވެސް ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާ އެކުވެސް ހިއްސާކުރެއްވިދާނެ ކަމަށްވެސް ބުންޏެވެ.
"މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ފަޒުލް ވަނީ މިރޭގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އަދި ވަނީ، މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް ސަސްޕެންޑްކޮށްފައެވެ. އެގޮތުން، ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއު ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އާއި އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސަސްޕެންޑްކޮށްފައިވާކަން "ވަން" އަށް ވަނީ އެނގިފައެވެ.
މި މައްސަލައާ ގުޅިގެން، އެމްޑަބްލިޔުއެސްސީން ވަނީ ޑީއެމްޑީ، ފަޒީލް ރަޝީދު ވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން، ހައުސިން މިނިސްޓްރީގެ ނުވަ ސިޔާސީ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ އަމުރުކުރައްވައިފައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު